06 Aug 2013, 16:08
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ(ން މި އަހަރު ހުޅުމާލޭގައި އަލަށް އިމާރާތްކުރާ 16 ރޯ ހައުސް ގަންނަން ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 12 ފަރާތަކަށް ފައިސާ ދައްކަން ފުރުސަތު ދީފި އެވެ.
ހުޅުމާލެ ތަރައްގީކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ 3.2 މިލިއަނާއި 3.3 މިލިއަން ރުފިޔާ އަށް ވިއްކާ ރޯ ހައުސްތަކަށް ހަތަރު ފަރާތަކުން އެއް ފަހަރާ ފައިސާ ދެއްކި އިރު މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަން 12 ފަރާތެއް ގުތުއަތުން ހޮވާފައިވާ ކަމަށެވެ.
"ގުރުއަތުން ހޮވުނު ފަރާތްތަކުން ބޭންކު ލޯނު ހޯދައިގެން މަހުން މަހަށް ފައިސާ ދައްކަން ޖެހޭނީ. އެ ފަރާތްތަކުން މިހާރު ދަނީ ބޭންކު ލޯނު ހޯދުމަށް މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތިން ބުރީގެ ރޯ ހައުސްގައި ތިން ކޮޓަރި އާއި ބަދިގެ އަދި ސިޓިންރޫމަކާއި މެއިޑްރޫމެއް ހިމެނޭ ކަމަށެވެ. އެ ގެތަކުގެ ޖުމްލަ ބޮޑުމިނަކީ 2289 އަކަފޫޓެވެ.
އެ ރޯހައުސް ގަންނަން ބޭނުންވާ ފަރާތްތަކުން ޕްރީ ބުކިން ފީގެ ގޮތުގައި 20،000ރ. ބޭންކް ގެރެންޓީ ޗެކެއް ދޭން ޖެހެ އެވެ. އަދި އެ ގެތައް ގަންނަން ބޭނުންވާ ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ ރޯހައުސް އެކަކާއި ދޭކަށް 646،000ރ. އެވެ. އަދި ރޯހައުސް ތިނެއްގެ ޑައުންޕޭމަންޓަކީ 674،000ރ. އެވެ.
ސުހައިލް ވިދާޅުވީ ނެއިބާހުޑް އެކެއްގައި އިމާރާތްކުރާ ރޯ ހައުސްތަކުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ.