އޮޅުވާލައިގެން އަމިއްލަ ހިއްސާ އޮންނަ ކުންފުންޏަކަށް ފައިދާ ހޯދުމުގެ ތުހުމަތުގައި ޏ. ފުވައްމުލަކު އަތޮޅު އޮފީހުގެ ޒިންމާދާރު ވެރިޔާ މުހައްމަދު އަނީސް ހުސައިންގެ ކޮރަޕްޝަންގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އަނީސް ނާޖައިޒް ފައިދާ ހޯދާފައި ކުންފުންޏަކީ އަނީސް އާއި އޭނާގެ އަނބިމީހާގެ އިތުރުން ފުވައްމުލަކު އަތޮޅު އޮފީހުގެ އެސިސްޓަންޓް ފައިނޭންސް އޮފިސަރުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ.

އަތޮޅު އޮފީހުގެ އަތޮޅު ވެރިޔާގެ އިސް އެހީތެރިޔާގެ މަގާމުގައި އަނީސް ހުންނެވިއިރު އޭނާގެ ހިއްސާ އޮންނަ ތްރީ އެންޑް އެޗް ޕްރައިވެޓް ލިމިޑެޓަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާ ކަމަށް އޭސީސީގެ ތަހްގީގަށް ސާބިތުވާ ކަމަށް އެ ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އަނީސް ނާޖައިޒް ފައިދާ ހޯދައިފައި ވަނީ އޭނަގެ ކުންފުނިން ނުކުރާ ދަތުރުތަކަކަށް ބިލް ހަދައިގެން ފައިސާ ނަގާފައިވާތީ އެވެ. ފުވައްމުލަކަށް ދިޔަ އިލެކްޝަންސްގެ އޮފިޝަލުން ކުރި ދަތުރުތަކުގެ ހަރަދު ކަމަށް ބުނެ ފުވައްމުލަކު އަތޮޅު އޮފީހުން އެޓާނީ ޖެނެރަލްގެ އޮފީހަށް ބިލް ހުށަހަޅާފައިވާ ކަމަށާއި އެބިލްގައި ހަތަރު ދަތުރުކުރި ކަމަށް ލިޔެ ފައިސާ ނަގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ނަމަވެސް އިލެކްޝަންސްގެ އޮފިޝަލުން ފުވައްމުލަކަށް ގޮސް ދަތުރުކޮށްފައި ވަނީ އަތޮޅު އޮފީހުގެ ވޭނަކާއި އަމިއްލަ މީހެއްގެ ކާރުގައި ކަމަށް އޭސީސީން ބުންޏެވެ.