މި އަހަރުގެ ފިތުރު އީދު ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއް ކަމަށް ހަމަޖައްސާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ އަށެއް ވާ ބުރާސްފަތި ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ވެފައި އެ ދުވަހުގެ ހަވީރު 16.00 އިން ފެށިގެން ރޭގަނޑު 12.00 އާ ދެމެދު އިންޖީނުލީ އުނޅަދެއް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ސިޓީ ކައުންސިލުން އެ ނިނުމުން ނިންމާފައި ވަނީ އެ އޮތޯރިޓީއާ ވެސް މަޝްވަރާކޮށްގެން ކަމަށެވެ. އަދި ސިޓީ ކައުންސިލަށް އެކަން އެހެން ކުރުމުގެ ބާރު ލިބިފައިވާ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އީދު ދުވަހު އިންޖީނުލީ އުޅަނދު ދުއްވޭނީ ސިޓީ ކައުންސިލުން ދޫކުރާ ހާއްސަ ހުއްދަ އޮންނަ ފަރާތްތަކުން ތަކަކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދައި އެއްވެސް އިންޖީނުލީ އެއްގަމު އުޅުނދެއް މާލޭ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ދުއްވައިފި ނަމަ އެ އުޅަނދެއް ދުއްވި ފަރާތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަލާނެ ކަމަށް ވެސް ސީޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.