06 Aug 2013, 15:21
ރާއްޖެ އަށް ބިދޭސީން އެތެރެކުރުން މަޑުކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔަޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ މިހާރު ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އެގޮތުން ރާއްޖެ އަށް ބިދޭސީން ގެނައުމަށް "މަޑުކޮށްލަން" މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު ޕޭޕަރެއް ހުށައަޅަން ވިސްނުން މިއޮތީ ކުރިއަށް އޮތް ދުވަސްވަރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބިދޭސީން ގެނައުން މަޑުކޮށްލަން. އެއީ މިހާރު ރާއްޖޭގައި އެބަތިބި ރަޖިސްޓާ ނުކޮށް ވަރަށް ގިނަ އަދަދެއްގެ މީހުން. އެމީހުން ރަޖިސްޓާ ކުރެވުނީމާ ނޫނީ އިތުރަށް މީހުން ނުގެނެވޭ ގޮތް ހެދުމަކީ އަޅުގަނޑުމެން ބޭނުންވާގޮތެއް،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ހަފްތާއަކު ގާތްގަނޑަކަށް 1200 ވަރަކަށް ބިދޭސީން ރާއްޖެ އަންނަ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުން ހިލޭ ދިން ބޯޑާ ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު ރާއްޖެ އެތެރެވާ ބިދޭސީން މިހާރަށް ވުރެ ބޮޑަށް ސްކްރީން ކުރެވި އެމީހުންގެ ޑޭޓާބޭސް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.