11 Nov 2010, 11:19
ލަންކާ އަށް ވިއްސާރަކޮށް ވެރިރަށް ކޮލޮމްބޯ އަށް ރޭ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތަނުގައި ދިރިއުޅެމުންދާ ބައެއް ދިވެހި އާއިލާތަކަށް ގެއްލުން ލިބިފައިވާ ކަމަށް ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަލީ ސުހެން ދީދީ (އަލިދީ) ވިދާޅުވެއްޖެ އެވެ.
ލަންކާގައި ހުންނަވައިގެން ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން އަލިދީ ވިދާޅުވީ، ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ލަންކާއަށް ދުވަހަކު ވެސް ވާރޭ ނުވެހޭ ގަދައަށް ރޭ ލަންކާ އަށް ވިއްސާރަކޮށްފައިވާ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޮލޮމްބޯގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާ ކަމަށާއި ދިވެހިން އުޅޭ ބައެއް ގެތަކަށް ވެސް ފެންގަނޑު ވަދެގެން ހައިކޮމިޝަނަށް ރިޕޯޓުކޮށްފައިވާ ކަމަށް އަލިދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަތަރު ފަރާތަކުން ހައިކޮމިޝަނަށް ގުޅި ކަމަށާއި އެ ހުރިހާ ފަރާތްތަކާ ވެސް ވާހަކަދައްކައިގެން ލަންކާ ސިފައިންގެ ފަރާތުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އަދި އެ އާއިލާތައް ދިރިއުޅެމުންދާ ގޭގޭ ގެ ތެރެއަށް ފެންވަދެ، ތިރީ ބުރީގައި ފެންބޮޑުވެ، ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބުނު ކަމަށް އަލިދީ ވިދާޅުވި އެވެ. ނަމަވެސް، އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދިވެހިންނަށް އެއްވެސް ކަހަލަ ޖިސްމާނީ ގެއްލުމެއް ލިބިފައެއް ނުވޭ. ދެން އެކަމަކު ބައެއް ހިސާބުތަކުން ފެންބޮޑުވެގެން ބައެއް ގޭގޭގައި ތިރީ ބުރީގައި ހުރި އެއްޗެހި ތެމި، ގޮތްގޮތްވި. އެހިސާބުތަކުގައި ފެން ތިރިކުރުމުގެ މަސައްކަތް ކުރަމުންދަނީ،" އަލިދީ ވިދާޅުވި އެވެ.
ލަންކާއަށް ރޭ އަކަނިވެސް 400 މިލިމީޓަލުގެ ވާރޭ ވެހިފައިވެ އެވެ. ލަންކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ލަންކާއަށް މިހާ ބޯކޮށް ވާރޭވެހުނު ފުރަތަމަ ފަހަރެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.
މި ވިއްސާރާގައި މިހާތަނަށް 11 މީހަކު މަރުވެ، 36،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. އަދި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ. އަދި ކަރަންޓު މައްސަލަތައް ދިމާވެ، ވިޔަފާރިވެރިންނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ އިތުރުން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް މިއަދު ބަންދުކޮށްފައިވާއިރު، ލަންކާ އަސްކަރިއްޔާ އިން އަންނަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވަމުންނެވެ. އަދި މަގުތަކުން ފެންގަނޑު ތިރިކުރުމަށް މަސައްކަތް ކުރަމުންނެވެ.