މާލެ އިން ތިލަފުއްޓަށް ކުނި އުފުލަން ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ޓަޓްވާ ގްލޯބަލްއާ އެކު ސޮއިކުރަން މާލޭ ސިޓީ ކައުންސިލުން އެއްބަސްވެއްޖެ އެވެ.

ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ޓަޓްވާއާ ހަވާލުކޮށްގެން މާލެ ސަރަހައްދުން ކުނި އުކާލުމަށް ސަރުކާރުން ގެނައި ބަދަލުތަކާ އެކު ސޮއިކުރަން ކައުންސިލުން އެއްބަސްވެފައިވާ ކަމަށެވެ.

"ކައުންސިލުން ނިންމީ އެ އެއްބަސްވުމުގައި ސޮއިކުރަން މައްސަލައެއް ނެތް ކަމަށް. މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަމައެކަނި ކުނި ތިލަފުއްޓަށް ގެންދިއުން އޮންނާނީ. އަދި އެކަމަށް ހިނގާ ހަރަދު ސަރުކާރުން ދައްކަނީ،" އޭނާ ވިދާޅުވި އެވެ. "މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް 15 ޕަސެންޓްގެ ފައިދާއެއް ހޯދޭނެ."

ރުކުމާ ވިދާޅުވީ ހިދުމަތް ފުރަތަމަ ފަށައިގަންނަ އިރު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ތިލަފުއްޓަށް ކުނި އުފުލުމުގެ އިތުރުން އެ ރަށުގައި ކުނި އެންދުން ވެސް ހުއްޓާލާނެ ކަމަށެވެ. އަދި މާލެ ސަރަހައްދަށް ޖަމާވާ ކުނި 24 ގަޑިއިރުގެ ތެރޭގައި ހުސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފިޔަވަހީގެ ދަށުން ކުރިން ކުރަން ނިންމާފައިވާ ކަންތައްތަކުގެ 25 ޕަސެންޓް ވަނީ އުނިކުރެވިފައި. އެ ގޮތުން ގޭގައި ކުނި އުކާލުމާއި މަގުމަތި ކުނިކެހުން ފަދަ ކަންތައްތަކެއް ނުހިމެނޭ،" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓަޓްވާއާ ހަވާލުކޮށްގެން ކުނި އުކުމަށް މަހަކު ހަތަރު މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ގޮތުން އެޑްވާންސްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާއި އާއި މޮބިލައިޒޭޝަން ފީ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ޓަޓްވާއަށް ދައްކަން ޖެހޭ ކަމަށް ރުކުމާ ވިދާޅުވި އެވެ.

"މިކަން ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން. އެގޮތުން ޓަޓްވާއާއެކު ފުރަތަމަ ސޮއިކުރަން ނިންމާފައި ވަނީ ދެ އަހަރު ދުވަހުގެ ސާވިސް އެގްރިމަންޓެއްގައި،" އޭނާ ވިދާޅުވި އެވެ.

ރުކުމާ ވިދާޅުވީ ސާވިސް އެގްރިމަންޓްގައި ސޮއިކުރާނެ ދުވަހެއް ކަނޑައަޅާނީ ސަރުކާރުން ކަމަށެވެ.

ޓަޓްވާއާ 2011 ވަނަ އަހަރު ހަވާލުކުރި 49.2 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓްގައި މައްސަލަތަކެއް ހިމެނޭތީ އެންވަޔަރަމަންޓް މިނިސްޓްރީން އެ ޕްރޮޖެކްޓްގެ އެއްބަސްވުން ރިވިއުކޮށްފައިވެ އެވެ.

ސަން އެނގިފައިވާ ގޮތުގައި ކުނި އުކާލަން އަލުން ހަވާލުކުރި އިރު ތިލަފުށިން އަލަށް ހިއްކާ 22 ހެކްޓަރުގެ ބިމަށް އަހަރަކު 1،200 ރުފިޔާ ދައްކަން ޖެހެ އެެވެ.

ޓަޓްވާއާ ކުނި ނައްތާލުމުގެ މަސައްކަތް އަލުން ހަވާލުކުރި އިރު ކުނި އުކާލުމުގެ މައްސަލަ ބޮޑުވެ، ގޮނޑު ބަންދުކޮށް އުފުއްޔަށް ކުނިއަޅަން ވަނީ ފަށައިފަ އެވެ.