06 Aug 2013, 15:02
ސައްހަ ނޫން ލައިސަންސެއް ބޭނުންކޮށްގެން ބާނާފައިވާ މަސްތަކެއް ރާއްޖެ އިން ބޭރަށް މަސް ވިއްކި ދޯންޏެއް 132،380 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ފިޒަރީޝް މިނިސްްޓްރީގެ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެކްސްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިންކަން ކުރުމަށް އެ މިނިސްޓްރީން ދޫކުރަމުން އަންނަ ލައިސަންސް އަށް ބަދަލުގެނެސް ލައިސަންސްގެ މުއްދަތު ހަމަވާ ފަހުން ވެސް ބައެއް ފަރާތްތަކުން މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ލައިސަންސްއާ ބެހޭ މައުލޫމާތަކީ ދިވެހި ރާއްޖޭގައި ބާނާ މަސް އިމްޕޯޓްކުރާ ގައުމުތަކުން މަހުގެ ޝިޕްމަންޓްތަކުގައި ހުރި މަހަކީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ބާނާފައިވާ މަހުގެ ޝިޕްމަންޓެއްކަން ކަށަވަރުކުުރުމަށް ބަލާ މިންގަނޑުތަކަކެއް،" އެ ބަޔާނުގައިވެ އެވެ.
ސައްހަ ނޫން ލައިސަންސްއެއް ބޭނުންކޮށްގެން މަސްވެރިކަންކޮށް އެ މަސްތައް އެކްސްޕޯޓްކުރުމުގެ ސަބަބުން، އެ މަސްތައް އިމްޕޯޓްކުރާ ގައުމުގައި މަހުގެ ޝިޕްމަންޓް ހިފެހެއްޓުގެ އިތުރަށް ރާއްޖޭގެ މަސްވެރިކަން ބްލެކްލިސްޓް ކުރެވި ދިވެހި ރާއްޖެ އަށް އެކަމުގެ ސަބަބުން ފޫބައްދަންދަތި ބޮޑެތި ގެއްލުންތަކެއް ވެގެން ހިނގައިދާނެ ކަމަށް ވެސް ފިޝަރީޒް މިނިސްްރީން ވަނީ ބުނެފަ އެވެ.
ޖޫރިމަނާ ކުރި ދޯންޏަށް ދީފައިވާ ލައިސަންސް ނަމްބަރަށް ބަދަލު ގެނެސް މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާކަން އެ މިނިސްޓްރީގެ ރިކޯޑްތަކުން ދައްކާ ކަމަށާއި ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ފަދަ އަމަލެއް ހިންގުމަކީ ޖިނާއީ ކުށަކަށްވާތީ އެ މައްސަލަ ތަހުގީގު ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
އެ ދޯނީގެ ވެރިފަރާތާ މެދު ފިޔަވަޅު އަޅާފައި ވަނީ ދިވެހި ރާއްޖޭގައި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަސްވެރިކަން ކުރުމަށާއި އެކްސްޕޯޓްކުރުމަށް މަހާއި މަހުގެ އުފެއްދުން ތައްޔާރުކުރުމަށާއި އެކުއާކަލްޗާކުރުމަށް ލައިސްންސް ދިނުމާ ބެހޭ ގަވާއިދު"ގެ 22 ވަނަ މާއްދާގެ ހ ގެ 1 ގެ ދަށުންް ކަމަށް އެމިނިސްޓްރީން ބުންޏެވެ.
ނަމަވެސް ޖޫރިމަނާ ކުރީ ކޮން ދޯންޏެއް ކަމެއް އަދި އެ ދޯނީގެ ވެރިފަރާތުގެ މައުލޫމާތެއް ފިޝަރީޒަކުން ނުދެ އެވެ.
އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރުމަށް މަސްވެރިކަން ކުރުމުގެ ލައިސަންސްގެ މައުލޫމާތަކީ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނުގެ ދަށުން އިންޑިއާ ކަނޑުގެ މަސްވެރިންކަން ބަލަހައްޓާ ބައިނަލްއަގުވާމީ ސަރަހައްދީ ޖަމްއިއްުޔާކަމަށްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަށް ގަވާއިދުން މިނިސްޓްރީން ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.