އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް (އައިސީސީ)ގެ ސެމީ ފައިނަލްގައި އޭސީ މިލާން އަތުން 2-0 އިން ޗެލްސީ މޮޅުވި މެޗުގައި ފެނާންޑޯ ޓޮރޭޒް ދެއްކި މޮޅު ކުޅުމަށް އެ ކްލަބްގެ ކޯޗު ހޯސޭ މޮރީނިއޯ ތައުރީފު ކޮށްފި އެވެ.

ޕްރިސީޒަން ޓްއާގައި އެމެރިކާއަށް ޒިޔާރަތް ކުރާ ބޮޑެތި ޓީމުތައް ބައިވެރިކޮށްގެން ބާއްވާ އެ މުބާރާތުގެ ސެމީފައިނަލްގައި އެމެރިކާގެ ނިއުޖާޒީގެ އީސްޓް ރަދަފޯޑްގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮރޭޒް ލަނޑެއް ކާމިޔާބު ކޮށްފައި ނުވިނަމަވެސް އޭނާ ވަނީ، އެ މެޗުން މޮޅުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

"ބައެއް ފަހަރު ފޯވަޑުންގެ ފަރާތުން މެޗުތެރޭގައި ކިތަންމެ މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް އެމީހުންނަށް ލަނޑު ނުޖެހިދޭ. ފެނާސްޑޯ ޓޮރޭޒްގެ ފަރާތުން މިއަދު ފެނިގެންދިޔައީ އާދަޔާ ހިލާފް މޮޅު ކުޅުމެއް،" މޮރީނިއޯ ބުންޏެވެ. "ކޮންފެޑެރޭޝަންސް ކަޕަށްފަހު، އެންމެ ފަސްދުވަހު ކްލަބާ އެކު ޕްރެކްޓިސް ކުރުމަށްފަހު، ރަނގަޅަށް ފިޓް ނުވެހުރެ ކުޅެންއަރައި އޭނާ ދެއްކީ ހައިރާންވާފަދަ މޮޅު ކުޅުމެއް."

މޮރީނިއޯ ބުނީ، އޭނާގެ ފޯވަޑުންނަށް ތައުރީފް ކުރުން ހައްގު ކަމަށާއި، އެމީހުން ކްލަބް މޮޅުކުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.

މާދަމާ، މިއާމީގެ ސަން ލައިފް ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އައިސީސީގެ ފައިނަލް މެޗުގައި ޗެލްސީ ވާދަކުރާނީ، މޮރީނިއޯގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑާއެވެ.

މިދިޔަ ޖޫންމަހު ޗެލްސީއާ ގުޅުނު ރެއާލްގެ ކުރީގެ ކޯޗު ބުނެފައިވަނީ، ފައިނަލްގައި ރެއާލްއާ ކުޅެން ޖެހުމުން ވަރަސް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ޗެލްސީ ބޭނުންވަނީ، މޮޅެތި ޓީމްތަކާ ވާދަކުރަން ކަމަށެވެ.