06 Aug 2013, 14:47
ކަރާޗީ (އޮގަސްޓް 6): ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގާ މަރުވި މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް އަރައި އެ ގައުމުގެ ހުޅަނގު ދެކުނުގެ ބޮޑުބައެއްގައި ފެންބޮޑުވެ އެސަރަހައްދުގެ ޚިދްމަތްތަކާއި އާންމު ދިރިއުޅުމުގެ ކަންތައްތައް ހުއްޓުމަކަށް އައިސްފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ އެގައުމުގެ އެންމެ ބޮޑުސިޓީ ކަމަށްވާ ކަރާޗީއާއި އެސިޓީގެ ވަށައިގެންވާ ހިސާބުތަކުގަ އެވެ. ކަރާޗީގެ އިތުރުން ދެން އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ހުޅަނގު އުތުރުގެ ވަޒީރުސްތާނުގެ ކައިރީގައިވާ ޚައިބަރު ޕަޚްތޫޚުވާން ސަރަހައްދުގަ އެވެ.
ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓާ ބެހޭ އިދާރާ އިން ބުނީ ފެންބޮޑުވުމުގެ ސަބަބުން އެތައް ލައްކަ ބަޔަކު ޙާލުގައި ޖެހި އެކަހެރިވެފައިވާ ކަމަށާ އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދާކަމުގަ އެވެ. ފެންބޮޑުވެފައި ވަނީ ވިއްސާރައިގެ ސަބަބުން ބައެއް ކޯރުތައް ފުރިބަންޑުންވުމުގެ ސަބަބުންނެވެ. ވިއްސާރައިގެ ސަބަބުން މިހާތަނަށް މަރުވެފައިވާކަން ކަށަވަރުވެފައި ވަނީ 50 މީހުން ކަމަށް ވިޔަސް ގެއްލިފައި ގިނަ ބަޔަކު ތިބުމުން މިއަދަދު ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވެ އެވެ. ޕާކިސްތާނުގެ ސިފައިން ވެސް ގެންދަނީ ވިއްސާރައިގާ ޙާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވަމުންނެވެ.
ފާއިތުވި ތިން އަހަރަކީ ޕާކިސްތާނަށް ވަރަށް ވަރުގަދައަށް ވިއްސާރަކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނު ތިން އަހަރެވެ. މިގޮތުން2010 ވަނަ އަހަރު ޕާކިސްތާނަށް ކުރި ވިއްސާރައިގައި 1800 މީހުން ވަނީ މަރުވެފަ އެވެ. (ނޫސްއެޖެންސީތައް)