06 Aug 2013, 14:35
އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން 50،000އަށް ވުރެ ގިނަ މީހުން މިއަދު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ސަން"އަށް މިއަދު ވިދާޅުވީ ރޭގެ ނިޔަލަށް 49000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މިއަދު އެ އަދަދު 50000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
"އިންތިހާބުގައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެހެން ތަނެއްގައި ވޯޓް ލުމަށް ރޭގެ ނިޔަލަށް 49000 މީހުން ރަޖިސްޓްރީ ކޮށްފައިވޭ. އެހެން ނަމަވެސް މިއަދު އެ އަދަދު ވަނީ 50000 އަސް ވުރެ މައްޗަށް ގޮސްފައި،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ މާދަމާގެ ނިޔަލަށް ވޯޓް ލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބަންދުވެގެން ދާނެ ކަމަށާއި އަދި އެ ކޮމިޝަނުން އުންމީދު ކުރަނީ 65000 އަށް ވުރެ ގިނަ މީހުން ރަށްވެހިވެފައި ރަށް ނޫން ނުވަތަ އެހެން ތަނެއްގައި ވޯޓް ލުމަށްޓަކައި ރަޖިސްޓްރީ ކުރާނެ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ވޯޓް ލުމަށް މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ މިހާތަނަށް ވޯޓް ލުމަށް ރަޖިސްޓްރީ ކޮށްފައިވާ އަދަދަށް ބަލާއިރު ވޯޓް ފޮށި ބެހެންޓޭ ވަރަށް ރަޖިސްޓްރީ ކޮށްފައި ވަނީ ސްރީލަންކާގެ ކޮލަންބޯ އިންޑިއާގެ ޓްރިވިން ޑްރަމް، އަދި ލަންޑަން އާއި މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޯރް އެވެ.
ފުއާދު ވިދާޅުވީ ސިންގަޕޫރާއި ދިއްލީ ގައި ވޯޓް ފޮށި ބެހެއްޓޭ ވަރަށް އަދި މިހާތަނަށް މީހުން ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށެވެ. އެހެނަ ނަމަވެސް މާދަމާގެ ނިޔަލަށް އެތަންތަނުގައި ވެސް 100 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ވޯތްލާ މީހުންގެ ލިސްޓާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ ވޯޓްލާ މީހުންގެ ލިސްޓް ދެ ފަހަރެއްގެ މަތިން އާންމު ކުރާނެ ކަމަށެވެ. އެގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްޓަކައި ވޯޓްލާ މީހުންގެ ލިސްޓް މި މަހުގެ 14 ވަނަ ދުވަހު ކޮމިޝަންގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށެވެ. އަދި ފައިނަލް ލިސްޓް މި މަހުގެ 20 ވަނަ ދުވަހު ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށް އިއުލާން ކުރާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
"މާދަމާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތުއެއްކޮށް ބަންދު ވެގެން ދާނެ. ދެން ވޯޓްލާ މީހުންގެ ލިސްޓް އަޅުގަނޑުމެން ދެ ބުރެއްގެ މަތިން ލިސްޓް އާންމު ކުރާނަން. އެގޮތުން ރަޖިސްޓްރީ ކުރުމުގެ މުއްދަތު މާދަމާ ހަމަވުމަށް ފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް މަ މަހުގެ 14 ވަނަ ދުވަހު ކޮމިޝަންގެ ވެބްސައިޓްގައި ލިސްޓް އާންމު ކުރާނަށް. ދެން ފައނަލް ލިސްޓް މި މަހުގެ 20 ވަނަ ދުވަހު އާންމު ކުރާނަން" ފުއާދު ވިދާޅުވި އެވެ.