06 Aug 2013, 14:27
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ވޭން ރޫނީ އެ ކްލަބް ދޫކޮށް ޗެލްސީއަށް ބަދަލުވާން އުޅޭތީ ކްލަބްގެ ސީނިއާ ކުޅުންތެރިން ރުޅިގަދަވެ ސްކޮޑް ތެރޭގައި ހަމަނުޖެހުން އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ބައެއް މީޑިއާ ތަކުގައި، ޔުނައިޓެޑްގެ ގާތް މަސްދަރުތަކާ ހަވާލާދީ ބުނެފައިވަނީ، ޕްރިސީޒަން ޓުއާގައި މިރޭ ސްވިޑްންގެ އޭއައިކޭއާ ދެކޮޅަށް ޔުނައިޓެޑް ކުޅެން ހަމަޖެހިފައިވާ އެކުވެރި ކަމުގެ މެޗުގައިވެސް ރޫނީ ނުކުޅެން ނިންމީ ކޮނޑަށް ލިބުނު ކުޑަކުޑަ އަނިޔާއަކުން ކަމަށާއި އެއީ ނުކުޅެވޭ ވަރުގެ އަނިޔާއެއްވެސް ނޫން ކަމަށެވެ.
ރޫނީގެ ޓްރާންސްފާ މައްސަލައިގައި ރުޅިގަދަވެގެން އުޅޭ ބައެއް ސީނިއާ ކުޅުންތެރިންގެ ތެރޭގައި، ރިއޯ ފާޑިނަންޑް، ރަޔާން ގިގްސް އަދި ޕެޓްރިސް އެވްރާ ހިމެނޭ އިރު އެކުޅުންތެރިން ރޫނީގެ މައްސަލަ ހައްލު ނުވެ އެހާ ދިގު ދެމެމުން ދާތީ ވަރަށް ބޮޑަށް ރުޅިގަދަވެ، ޓީމްތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރޫނީއާއި ކްލަބްގެ ގިނަ ކުޅުންތެރިން އަދި މެނޭޖްމަންޓާ ދޭތެރޭގައިވެސް މައްސަލަގަނޑު ހޫނުވެފައިވާ މިދަނޑިވަޅުގައި، ކޮނޑު ހުޅަށް ލިބުނު ކުޑަ އަނިޔާއެއްގައި ހުރި ރޫނީ ކައިރީ މިރޭގެ މެޗުގައި ބައިވެރިވުމަށް ނޭހުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ކުޅުންތެރިން އެއްބަސްވެ އެވެ.
ޔުނައިޓެޑްގެ ސީނިއާ ކުޅުންތެރިން ދެކޭ ގޮތުގައި ރޫނީ، ޗެލްސީއަށް ބަދަލުވާން މިހާރު އެކުރާ މަސައްކަތަކީ، އޭނާގެ ގޮތްދޫނުކުރުމާއި، އެހެނިހެން ފައިދާ ހޯދުމަށް ހިންގާ ވަރަށް ފިނޑި އަމަލެކެވެ. އަދި އެކަމުގެ ސަބަބުން އެހެން ކުޅުންތެރިން މާޔޫސްވެ ކްލަބް ތެރޭގައި ހަމަ ނުޖެހުން އުފެދެން މެދުވެރިވާނެ އެވެ.