06 Aug 2013, 14:22
ކްއީން ޕާކް ރޭންޖާސް (ކިޔުޕީއާރު)ގެ ފޯވަޑް ލޮއިކް ރެމީ، ސީޒަން އެއްކޮށް ކުޅޭގޮތަށް ލޯން އެއްބަސްވުމެއްގެ ދަށުން ނިއުކާސަލް ޔުނައިޓެޑްއާ ގުޅިއްޖެ އެވެ.
މިއަހަރުގެ ޖެނުއަރީ ޓްރާންފާގައި، ނިއުކާސަލްއިން ގެންނަން މަސައްކަތްކުރި 26 އަހަރުގެ ފްރެންޗް މިޑްފީލްޑަރު އޭރުވަނީ، ނިއުކާސަލްއަށް ބަދަލުވުމަށް ދެކޮޅު ހަދާފަ އެވެ. އެހެން އިއްޔެ އޭނާ ވަނީ، މެޑިކަލް ނިމި ކްލަބަށް ސޮއިކޮށްފަ އެވެ.
މާސޭގެ ކުރީގެ ފޯވަޑް ބުނީ، ނިއުކާސަލްފަދަ ބޮޑު ކްލަބަކުން ފުރުސަތު ލިބުނީމަ ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި، އަދި އެ ކްލަބަށް ކުޅެން ލިބުންއެއީ ވަރަށް ބޮޑު ޝަރަފެއް ކަމުގައި ދެކޭ ކަމަށެވެ.
"އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ ޖެނުއަރީ ޓްރާންފާގައިވެސް އަހަރެން ހޯދަން މަސައްކަތް ކޮށްފައި އަނެއްކާ ދެވަނަ ފަހަރަށްވެސް އަހަރެން ގެންދަން ނިއުކާސަލްއިން މަސައްކަތް ކުރުމުން،" ރެމީ ބުންޏެވެ.
ރެމީ ކިއުޕީއާރާ ގުޅުނީ ކްލަބް ރެކޯޑް ފީއެއް ކަމަށްވާ އަށް މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް މިއަހަރުގެ ކުރީކޮޅު އެވެ. އޭނާ ކިޔުޕީއާރަށް ކުޅުނު 13 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ. އެހެން ނަމަވެސް ކިޔުޕީއާރު މިފަހަރުވަނީ، ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ.
"ވޯލްޑްކަޕްގައި ބައިވެރިވާ ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދަން އަހަރެން ބޭނުން. އަދި އަހަންނަށް އެނގޭ އެކަން ފުރިހަމަ ކުރުމަށް ނިއުކާސަލްފަދަ ބޮޑު ޓީމަކާއެކު ވަރަށް ރަނގަޅަށް މަސައްކަތް ކުރަން ޖެހޭނޭ ކަން،" ރެމީ އިތުރަށް ބުންޏެވެ.
ނިއުކާސަލްގެ ޑައިރެކްޓަރު އޮފް ފުޓްބޯލް ޖޯ ކިނިއާ ވިދާޅުވީ، ރެމީ ލިބުމުން އެ ކްލަބް ވަރުގަދަ ކުރުމަށްޓަކައި ހޯދަންޖެހޭ ކުޅުންތެރިންގެ ތެރެއިން އެންމެ މުހިއްމު އެއް މަގާމަށް ކުޅުންތެރިއަކު ހަމަޖެހުނީ ކަމަށެވެ.
ނިއުކާސަލްގެ ކޯޗު، އެލަން ޕާޑިއު ބުނީ، ރެމީއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާ އެކްލަބާ ގުޅުމުން ވަރަށް ބޮޑަށް ހިތް ހަމަޖެހިއްޖެ ކަމަށެވެ.
މިސީޒަންއަށް ކްލަބް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ނިއުކާސަލްއިން އަންނަނީ، ފްރާންސްގެ ލިޔޯނަށް ކުޅޭ އެ ގައުމުގެ ފޯވާޑް ބަފެޓިމްބީ ގޯމިސް ގެނައުމުގެ މަސައްކަތްވެސް ކުރަމުންނެވެ.