ރާއްޖެ އިން ތެޔޮ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެވަޑައިގެންފައިވާ ވައުދަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަނުން ރައްދު ދީފި އެވެ.

މިއަދު މެންދުރު "ގައުމައިގެން ކުރިއަށް ކޯލިޝަނުން" ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ޔޫތު ސްޕޯކްސް ޕާސަން މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ރާއްޖެ އިން ތެޔޮ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ އިރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އިން ތެޔޮނެގުމާ ގުޅޭ ގޮތުން ކޮށްފައިވާ ދިރާސާއަކުން ރާއްޖޭގައި ތެޔޮނަގައިގެން ވިއްކުމަކީ އިގުތިސާދަށް އެންމެ ފައިދާ ހުރި ގޮތް ނޫން އެ ދިރާސާ އިން ދައްކާފައިވާ ކަމަށެވެ.

"މި ވައުދު އެންމެ ފުރަތަމަ ވެވަޑައިގެންނެވި ބޭފުޅާ[ އަބްދުﷲ ޔާމީން]، އެ ބޭފުޅާގެ ބޭބެ [ކުރީގެ ރައީސް މައުމޫނު]ގެ ވެރިކަމުގައި ޓްރޭޑް މިނިޓަރަކަށް ހުރެގެން ދިވެހި ރާއްޖޭގެ ދައުލަތުން ހަރަދުކޮށްގެން އެބަ އޮތް ރިޕޯޓެއް ވެސް ތައްޔާރުކޮށްފައި ދިވެހި ރާއްޖެ އިން ތެޔޮނަގައިގެން ވިއްކިދާނެތޯ ބަލަން. މި ތައްޔާރުކުރި ރިޕޯޓުގައި ކަންދިމާކުރި ގޮތުން ކޮންކުލޫޝަންގައި އޮތީ މި ތެޔޮނަގައިގެން ދިވެހި ރާއްޖޭގެ އިގުތިސާދަށް ފައިދާއެއް ނެތް ކަން. އެއީ ދިވެހި ރާއްޖެ އަށް އިކޮނިމިކަލީ ބެނިފިޓް [އިގުތިސާދަށް އެންމެ ފައިދާހުރި ގޮތެއް ނޫންކަން] މި އޮތީ. އެހެން އޮއްވަ މި ވައުދުވެވަޑައިގަންނަވަނީ ދިވެހި ރާއްޖެއިން ތެޔޮނަގައިގެން ދިވެހި ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރާނެ ކަމަށް، " ޖައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ތެޔޮނަގައިގެން ވިއްކާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކެންޑިޑޭޓުނަށް ދުނިޔޭގެ ތެލުގެ މާކެޓް މިހާރު އޮތް ގޮތް އެނގިވަޑައިނުގަންނަވާ ކަމަށާއި މިއަދު ދުނިޔޭގައި ތެލުގެ ޑިމާންޑަށްވުރެ ސަޕްލައި ދަނީ އިތުރުވަމުން ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި ބޮޑު ހޭދައެއް ކޮށްގެން ތެޔޮ ނެގިނަމަވެސް ތެލުގެ އަގު ދަށްވުމުން އޭގެ ފައިސާ ރާއްޖޭގެ އިގުތިސާދަށް ނުކުރާނެ ކަމަށެވެ.

"ދިވެހި ރާއްޖެ އިން ތެޔޮނަގައިގެން ރާއްޖޭގެ އިގުތިސާދު ހަމައަކަށް އަޅުވާނެ ކަމަށް މި ވިދާޅުވާ ބޭފުޅުނަށް ހަގީގަތުގައި ދުނިޔޭގެ ތެލުގެ މާކެޓް ރަނގަޅަށް ފުރިހަމައަށް ލިބިފައި ނެތީމަ ކަންނޭނގެ މި ގޮތަށް މި ވައުދުވަމުން މި ދަނީ. މިއަދު ދިވެހި ރާއްޖޭގައި ތެޔޮނަގަން ބަލާއިރު އެ ތެޔޮހުރި ތަނެއް ބަލަން އެބަޖެހޭ. އެ ތެޔޮނަގާނެ ވަސީލަތްތައް އެބަ ގެންނަނަ ޖެހޭ. ތަމްރީންކޮށް މީހުން އަހުލްވެރިކުރުވަން އެބަޖެހޭ. މި ދައްކަނީ ވަރަށް ބޮޑެތި ހަރަދުތަކެއްގެ ވާހަކަ. ވަރަށް ބޮޑެތި އިންވެސްޓްމަންޓެއްގެ ވާހަކަ. މިހާ ބޮޑު އިންވެސްޓްމަންޓެއް ކޮށްގެން މާދަމާ ތެޔޮނަގައިގެން ވިއްކަން ބަލާއިރު ދުނިޔޭގެ ތެލުގެ މާކެޓްގައި ތެލުގެ އަގު ތިރިވެގެން ދިޔައީމަ ދެން މިރާއްޖެ އަށް އޭގެ ސަބަބުން ވެގެންދާނީ އިގުތިސާދީ ގޮތުން ފައިދާ ތޯ ނޫން ތޯ ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ،" އެނާ ވިދާޅުވި އެވެ.

މީގެ އިތުރުން ދުނިޔޭގެ ތެޔޮ އެންމެ ގިނަ އިން ޔެތޮ ގަންނަމުން އައި އެމެރިކާ އަކީ މިހާރު ޝޭލް އޮއިލް އެންމެ ގިނައިން އިންޕޯޓްކުރާ އެއް ގައުމުކަމުގައި ވެފައިވާކަން ފާހަގަ ކުރައްވާ ރާއްޖެއަށް ތެލުގެ ވިޔަފާރީން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެ ފަދަ ވައުދުތައް ވަމުންދަނީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދާކުރައްވާ ގާސިމް އިބްރާހިމާއި ޔާމިން ވިދާޅުވެފައި ވަނީ އެ ބޭފުޅުނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖެ އިން ތެޔޮ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.