ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އެއްވެސް ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އިލެކްޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި "ރިޔާސީ އިންތިހާބުގެ ގަވާއިދު 2013"ގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާ ހިލާފު ނުވާނެ ގޮތަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގައި ވަކި ޖިންސެއްގެ މީހަކަށްވީތީ، ނުވަތަ އިސްލާމް ދީނުގައި ވަކި މަޒުހަބަކަށް އުޅެމުންދާ ކަމަށްޓަކައި ނުވަތަ ވަކި ބަހުރުވައަކުން ވާހަކަ ދައްކާ ކަމަށް ޓަކައި އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓް ދިނުމަށް ނުވަތަ ނުދިމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށެވެ.

"އެއްވެސް ކެންޑިޑޭޭޓަކު ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކުން އެހެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ބައްދަލުވުމަށް ހުރަސްއެޅޭ ފަދަ އަމަލެއް ކޮށްގެން ނުވާނެ،" އެގަވައިދުގައިވެ އެވެ.

މީގެއިތުރުން ތާއީދު ހޯދުމުގެ ގޮތުން ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއަކުން ނުވަތަ އެ ކެންޑިޑޭޓަކަށް ތާއީދުކުރާ ބަޔަކު ބަހައްޓާ ޕޯސްޓަރު ނުވަތަ ނިޝާން ނުވަތަ އެ ކެންޑިޑޭޓަކު ރަމްޒުކޮށްދޭ އެފަދަ އެއްވެސް އެއްޗެއް އެހެން ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ޕާޓީއަކުން އަދި އޭނާ އަށް ތާއީދުކުރާ ބަޔަކު ނައްޓައި ހަލާކުކޮށް ހަދައިގެން ނުވާނެ އެވެ. އަދި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްްކަތް ކުރުމުގައި އެއްވެސް މީހެއްގެ އަބުރަށް ހުތުރުވާ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރުމަށް ވެސް އެވައިދުގައިވެ އެވެ.

އިލެކްޝަންްސް ކޮމިޝަނުން ރަސްމީކޮށް އިންތިހާބް އިޢުލާން ކުރި ފަހުން އަމިއްލަ ގޮތުން އިންތިހާބްގައި ވާދަކުރައްވާ ޑރ. މުހައްމަދު ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެންޕެއިންނަށް ވެސް ދޭތެރެ ދޭތެރެއިން ކޮންމެ ވެސް ބައެއްގެ އުނދަގޫތައް ދަނީ ކުރިމަތިވަމުންނެވެ.

މީހުން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާ ނަމަ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަކަށް ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި މި އަަހަރުގެ އިންތިހާބްގައި ޖުލްލަ 239،593 މީހުންނަށް ވޯޓްލާނެ ކަމަށް އިލެކްޝަނުން ވަނީ ބުނފަ އެވެ.