06 Aug 2013, 13:11
މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ އިންޑިއާގައި ބާއްވަން ތައްޔާރުވަމުން އަންނަ ކޮންސެޓުގެ ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ހަމަޖައްސާފައިވާ ކަމަށް އުނޫޝާގެ މެނޭޖުމަންޓު ކުންފުނި ހައިރައިޒް އިން ބުނެފި އެވެ.
ހައިރައިޒްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އުނޫޝާގެ ދެވަނަ ބައިނަލްއަގުވާމީ ކޮންސެޓްގެ ޓްރެވަލް ޕާޓްނަރުގެ ގޮތުގައި މޯލްޑިވިއަން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު މޯލްޑިވިއަންގެ ހެޑް އޮފީހުގައި ބޭއްވި އިވެންޓެއްގައި ކަމަށެވެ.
އުނޫޝާގެ ދެވަނަ ބައިނަލްއަގުވާމީ ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ކެރަލާގަ އެވެ. މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންސެޓަކީ އިންޑިއާ ހައި ކޮމިޝަންގެ އެހީއާ އެކު ކުރިއަށްދާ ކޮންސެޓެއް ކަމަށް މައުލޫމާތު ލިބެ އެވެ.
އުނޫޝާގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ކޮންސެޓް ބާއްވާފައި ވަނީ ސްރީ ލަންކާގެ ކޮލޮމްބޯގަ އެވެ.