ޤައުމަށާއި ސަރުކާރަށް ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ކޮއްޔެއް ލެއްވުމަށް ނުވަތަ ޚާއްޞަ ޝަރަފެއް ނުވަތަ ލަޤަބެއް އެރުވުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރަށް ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރައްވާފައިވާ ބޭފުޅުން އެ ކޮށްދެއްވި ޚިދްމަތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރެއްވުމުގެ މުހިންމު ކަމަށެވެ. އަދި އެ ޚިދްމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


"އެ ޚިދްމަތްތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭނެ. މިފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ތާރީޚީ އާދައަކާ އެއްގޮތަށް ކޮއްޔެއް ލުމަށް ނުވަތަ ޚާއްޞަ ޝަރަފެއް ނުވަތަ ލަޤަބެއް އެރުވުމަށް ސަރުކާރުން މި ގެންދަނީ ވިސްނަމުން. އެކަމުގެ މިންގަނޑުތަކެއް އެކަށައެޅުއްވުމުގެ މަސައްކަތް ޤައުމީ އިނާމު ކޮމިޓީގެ މެންބަރުންނާ އަޅުގަނޑު މިހާރު ވާނީ ހަވާލުކޮށްފައި" ރައީސް ވިދާޅުވި އެވެ.


ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި، މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ އިނާމު ހާސިލު ކުރެއްވި ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ދާއިރާގައި ދިވެހި ޤައުމަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅުންކަމަށް ވިދާޅުވެ، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ. އަދި ޤައުމީ އިނާމާ ބެހޭ ކޮމިޓީން އެ މަސައްކަތް ގެންދަވާފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި މީގެކުރިން ސަރުކާރުން އިނާމު ދެއްވަމުން ގެންދެވިއިރު ބެއްލެވި ވަރަށްވުރެ، ތަފާތު އެތައް ގޮތަކުން، މިހާރު މާބޮޑަށް ބެލެމުންދާ ކަމަށް ވިދާޅުވެ، ޤައުމީ އިނާމު ކޮމިޓީގެ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރެއްވި އެވެ.