އެމެރިކާގެ އެންމެ ތާރީހީ އަދި އެންމެ ބޮޑު އެއް ނޫސް ކަމަށްވާ "ދަ ވޮޝިންޓަން ޕޯސްޓް" 250 މިލިއަން ޑޮލަރަށް "އެމޭޒަންޑޮޓްކޮމް"ގެ ބާނީ ޖެފްރީ ޕީ. ބެޒޯސް އަށް ވިއްކާލަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ބުނީ ވޮޝިންޓަން ޕޯސްޓް ވިއްކާލަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނީ ހޯމަ ދުވަހު ވޮޝިންޓަން ޕޯސްޓުގެ މުއައްޒަފުންނާ އެކު ޗެއާމަން ޑޮނަލްޑް އީ. ގުރަހަމް ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ޗެއާމަން ގުރަހަމް ނޫސް ވިއްކާލަން ނިންމިކަން އިއުލާންކުރުމުން އެނޫހުގެ މުއައްޒަފުންނަށް ހައިރާންކަމެއް ލިބި، ގިނަ މުއައްޒަފުން ތިބީ ޝޮކެއްގައި ކަމަށް ނިއު ޔޯކް ޓައިމްސްއިން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް އޮންލައިން ފިހާރަ ކަމަށްވާ އެމޭޒަންގެ ބާނީ ބެޒޯސް ވޮޝިންޓަން ޕޯސްޓް ގަންނަން ނިންމާފައި ވަނީ އެމޭޒަންގެ ބައެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ވޮޝިންޓަން ޕޯސްޓް ގަންނަން ބެޒޯސް ނިންމާފައި ވަނީ އަމިއްލަ ހައިސިއްޔަތުން ވަކިން ހިންގާ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ވޮޝިންޓަން ޕޯސްޓް ކޮމްޕެނީގެ އުފެއްދުންތައް ކަމަށްވާ އެކްސްޕްރެސް ނިއުސްޕޭޕާ، ގެޒެޓް ނިއުސްޕޭޕާސް، ސަދަން މެރީލޭންޑް ނިއުސްޕޭޕާސް، ފެއާފެކްސް ކައުންޓީ ޓައިމްސް، އެލް ޓިއެމްޕޯ ލެޓީނޯ އަދި ގްރޭޓާ ވޮޝިންޓަން ޕަބްލިޝިންގް ބެޒޯސް އަށް ވިއްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ނަމަވެސް ވޮޝިންގްޓަން ޕޯސްޓުގެ ތިން އުފެއްދުމެއް ކަމަށްވާ ސްލޭޓް މެގަޒިން، ދަރޫޓުޑޮޓްކޮމް އަދި ފޮރިން ޕޮލިސީ މެގަޒިން އެ އެއްބަސްވުމުގެ ދަށުން ވިއްކާނުލާނެ ކަމަށް މައުލޫމާތު ލިބެ އެވެ.