06 Aug 2013, 11:48
ކެނެޑާގެ ނިއު ބުރަންސްވިކް ޕްރޮވިންސްގައި ހުންނަ ޕެޓް ޝޮޕަކުން ފިލި ހަރުފައެއް ގެއެއްގެ ތެރޭގައި ތިބި ދެކުދިން މަރާލާފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރުސީއެމްޕީ) އިން ބުނީ މަރުވެފައިވާ ދެކުދިންނަކީ ފަސް އަހަރު އަދި ހަތް އަހަރުގެ ދެ ފިރިހެން ކުދިން ކަމަށެވެ.
ފުލުހުން ބުނީ "ރެޕްޓައިލް އޯޝަން" ކިޔާ ޕެޓް ޝޮޕަކުން ފިލި ހަރުފަ އެ ފިހާރައިގެ ވެންޓިލޭޝަން ސިސްޓަމްގެ ތެރެއިން ފިހާރައިގެ މަތީގައި ހުންނަ އެޕާޓްމަންޓުގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި އޭރު އެގޭގައި ތިބި ދެ ކުދިންނަކީ އޯވަނައިޓަކަށް އެގެއަށް އައި ކުދިންތަކެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ ހަރުފަ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ރެޕްޓައިލް އޯޝަންއިން ބުނީ ފިލި ހަރުފައަކީ 2001 ވަނަ އަހަރުން ފެށިގެން އެފިހާރައިގެ ގެންގުޅެމުން އަންނަ ބޮއަ ކޮންސްޓްރިކްޓާ އާއިލާގެ ހަރުފައެއް ކަމަށްވާ އެފްރިކަން ރޮކް ޕައިތަންއެއް ކަމަށެވެ. އެ ހަރުފައިގެ ދިގުމިނުގައި 4.5 މީޓަރު ހުންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކެނެޑާގެ ފުލުހުން ވަނީ އެ ހާދިސާގައި މަރުވި ކުދިންގެ އުމުރު ފިޔަވައި އެހެން ތަފްސީލްތައް ހާމަކުރަން ދެކޮޅު ހަދައިފަ އެވެ.