06 Aug 2013, 11:30
ހަތަރު މީހަކު ވެގެން ފުރާވަރު އަންހެންކުއްޖަކާ ގަދަކަމުން ބަދަލުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހަ މަސް ވަންދެން ހޯދަމުންދި މ. ހުނަރު، މަޢުޞޫމް އައްބާސް،24، އަމިއްލަ ގޭގައި ފިލާ އޮއްވާ މިއަދު އަތުލައިގެންފި އެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ބަނގުރާ ބޯންދީގެން 16 އަހަރުގެ އަންހެން ކުއްޖަކު ގޭންގް ރޭޕްކޮށްލި ކަމުގެ ތުހުމަތުގައި މައުސޫމް އައްބާސް މިއަދު އަތުލައިގެންފައި ވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުނެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ ތިން ފަހަރެއްގެ މަތިން އިއުލާންކޮށްފަ އެވެ. މައުސޫމް މިއަދު ހައްޔަރު ކުރިއިރު، ބައި ކިލޯގެ މަސްތުވާތަކެތި ވެސް އޭނާ ދިރިއުޅޭ ގެއިން ފުލުހުން ވަނީ ހޯދާފަ އެވެ.
މައުސޫމް އަތުލައިގަތުމަށް މ. ހުނަރު ގެއަށް ފުލުުހުން ވަނުމުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 23 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ވެސް ވަނީ އަތުލައިގެންފަ އެވެ. އެ އަންހެން ކުއްޖާއަކީ މައުސޫމްއާ އާއިލީ ގުޅުން އޮންނަ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
މައުސޫމް ދިރިއުޅޭ ގޭ ސަރަހައްދުގައި މީޑިޔާއަށް މައުލޫމާތު ދެއްވަމުން ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މައުސޫމް ޝާމިލުވެގެން ހިންގި ކަމަށް ބުނާ ބަދުއަހުލާގީ މައްސަލާގައި ތިން މީހެެއްގެ ޝަރީއަތް ފަށާފައިވާ ކަމަށެވެ. އަދި މައުސޫމް އަތުލައިގަނެވުމުން އޭނާގެ މައްސަލަ ވެސް ޝަރީއަތަށް ފޮނުވުމާ މެދު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މައުސޫމް ޝާމިލްވާ ކަމަށް ބުނާ ގޭންގު ރޭޕުގެ މައްސަލާގައި ފުލުހުން ކުރިން ބުނެފައި ވަނީ ގޭންގް ރޭޕްކޮށްލި ކުއްޖާއާމެދު ހަތަރު މީހަކު އޭނާ އަށް ބިރުދައްކައި ގަދަކަމުން ޖިންސީ ޢަމަލު ހިންގާފައިވާ ކަމަށެވެ. އެ ކުއްޖާ ފުލުހުންގެ މަރުކަޒަށް ހާޟިރުވި އިރު ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ގަދަކަމުން އެފަދަ ޢަމަލެއް ހިންގާފައިވާ ކަމުގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ހާދިސާ ހިނގި އިރު ކުއްޖާ ލައިގެން ހުރި އަންނައުނާއި އެހެނިހެން ތަކެތީގެ ސާމްޕަލް ނަގައި ފޮރެންސިކް ހެކި ހޯދުމަށް އެނަލައިޒު ކުރުމުގެ އިތުރުން ހާދިސާ ހިނގި ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުކުރެވޭ ހަތަރު މީހުން ހޯދިފަައި ވަނީ ކުއްޖާގެ ފަރާތުން ލިބުނު މަޢުލޫމާތާއި ތުހުމަތުކުރެވޭ ފަރާތްތަކުގެ ފޮޓޯ އާއި އެހެނިހެން މަޢުލޫމާތު އަލީގަ އެވެ. އަދި ކުއްޖާގެ ހަށިގަނޑުންނާއި އަންނައުނުން އަދި އެހެނިހެން ތަކެތިން ނެގުނު ސާމްޕަލްތައް ފޮރެންސިކް އެނަލައިޒް ކުރުމުން ނެގުނު މިކްސްޑް ޑީއެންއޭ ޕްރޮފައިލްގައި އަނިޔާލިބުނު ކުއްޖާގެ ޕްރޮފައިލްގެ އިތުރުން މި މައްސަލައިގައި ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ޑީއެންއޭ ދިމާވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.