ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމަށް މެލޭޝިއާގެ ނެކްސްބިޒް ލިމިޓެޑާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމައި 14 ދުވަހުގެ ނޯޓިސް ދީފި އެވެ.

ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ރިޓާޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ އެ އެގްރިމެންޓް ނިމުމަކަށް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި އެކަމަށް 14 ދުވަހުގެ ނޯޓިސްއެއް ނެކްސްބިޒް އަށް ދިނީ އިއްޔެ ކަމަށެވެ.

"އަޅުގަނޑުމެން އިއްޔެ ވާނީ ނެކްސްބިޒް އަށް 14 ދުވަހުގެ ނޯޓިސްއެއް ދީފައި އަދި އެ 14 ދުވަހުގެ ފަހުން ބޯޑާ ކޮންޓްރޯލްގެ ކަންތައް ކުރިއަށްގެންދާނީ ސަރުކާރުން ކަމަށް އެފަރާތުގައި ވާނީ ދަންނަވާފައި،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެސިސްޓަމްގެ ސަބަބުން ދައުލަތުގެ ފަރާތުން އެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށާއި އަދި އެ ސިސްޓަމަކީ ރާއްޖެ އަށް އެންމެ ރަނގަޅު ސިސްޓަމެއް ނޫން ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ނެކްސްބިޒް އެއްބަސްވުމުގައި ގާނޫނީ ގިނަ ކަންތައްތަކެއް ހުރުމުން އެ އެއްބަސްވުމާ އެކު ކުރިއަށް ދިއުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ކޯޓުން ބޭރުން ނިންމުމަށް ޓަކައި ނެކްސްބިޒްއާ އެކު ވާހަކަ ދެއްކުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ.

"އެ ޕްރޮޖެކްޓް ސޮއިކުރެވިގެންދިޔައީ އޭސީސީ އިން ސޮއިނުކުރުމަށް އަންގާފައިވަނިކޮށް، އަދި ޕްރޮޖެކްޓްގައި ސޮއިކުރެވުނު ފަހުން ވެސް އޭސީސީ އިން އެ ޕްރޮޖެކްޓް ތަންފީޒު ނުކުރުމަށް އަންގާފައިވާ އިރު އޭގެ ފަހުން ޕްރޮޖެކްޓްގެ ބައެއް ކަންކަން ބަދަލުކުރުމަށް ވެސް އަންގާފައިވޭ، އެއީ ކުރީގެ ސަރުކާރުން،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ އެ މައްސަލާގައި ދައުލަތަށް އޮތް ދަތިކަން ނެކްސްބިޒް އަށް އެނގޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އަދި އާބިޓްރޭޝަންއަކަށް ދާންޖެހުނަސް ނެކުސްބިޒްގެ އެގްރިމެންޓް ކުރިއަށް އޮތް 20 އަހަރަށް ކުރިއަށް ގެންގޮސްގެންވާ ބުރައަށް ބަލާ އިރު އާބިޓުރޭޝަން އަށް ގޮސްގެން އަންނާނެ ބުރަދަން ބޮޑުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ އެގްރިމަޓްގެ ސަބަބުން މިހާތަނަށް ވެފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްތޯ އަދި ކިހާވަރެއް އާބިޓުރޭޝަން އަށް ދައްކަން ޖެހޭތޯ ސަން އިން ދެންނެވުމުން އާޒިމާ ވިދާޅުވީ މިވަގުތު އެކަން އާންމުކުރެވެން ނެތް ކަމަށެވެ.

ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ނެކްސްބިޒް އިން ދައުލަތަށް 2.4 މިލިއަން ޑޮލަރުގެ ބިލެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ ނުދެއްކުމަށް އޭސީސީ އިން ލަފާދީފަިއވާތީ އެ ފައިސާދިނުމެއް ނެތް ކަމަށެވެ. އަދި 14 ދުވަހުގެ ތެރޭގައި އެސިސްޓަމާއި ސަރުކާރުގެ ފަރާތުން ހަވާލުވާނެކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމެރިކާގެ ސަރުކާރުން ދިވެހި ދައުލަތަށް މިހާރު ހަދިޔާކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމައަކީ ވަރަށް އިތުބާރު ހުރި އަދި ގިނަ ސެކުއުރިޓީ ފީޗާސްތަކެއް އެކުލެވޭ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި ބޭނުންކުރާ ސިސްޓަމެއް ކަމަށެވެ. އަދި އެސިސްޓަމް ބެލެހެއްޓުމަށް ވެސް އެމެރިކާ ސަރުކާރުން ހަރަދުކުރުމަށް ނިންމާފައިވާ އިރު އެ ސިސްޓަމްގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރުގައިކަމަށް ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުން އިންޓަނޭޝަނަލް ޓެންޑާއަކުން ނެކްސްބިޒްއާ ހަވާލުކޮށް، އެގްރިމެންޓުގައި ސޮއިކުރީ އޮކްޓޯބަރު 17، 2010ގަ އެވެ.