06 Aug 2013, 11:16
އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް، ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ކޯސްޓްލައިން އަދި ދެވަނަ މެޗް ސޮނީ ހާޑްވެއާ ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް އެ ދެޓީމު ދަތުރު ކޮށްފި އެވެ.
ކޯސްޓްލައިން ފައިނަލުން ޖާގަ ހޯދީ އިއްޔެ ކުޅުނު ފުރަތަމަ ސެމީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ވާދަކޮށް ހަތް ވިކެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޓޮސްދިމާވުމުން އެމްއޭސީއެލް ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 62 ލަނޑުހެދި އެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި އަހްމަދު ނީސާމް އެވެ. ޖަވާބުގައި ކޯސްޓްލައިން ކުޅެންއަރައި ފަސް އޯވަރުގެތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 64 ލަނޑުހެދި އެވެ.
ސޮނީ ހާޑްވެއާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު ދެވަނަ ސެމީގައި 36 ލަނޑުން ކޭޕީއެމްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޓޮސް ދިމާވުމުން ކޭޕީއެމްޖީ ގަސްދުކުރީ ހޮވުމަ ށެވެ. ސޮނީ ހާޑްވެއާ ޓީމް ކުޅެންއަރައި އަށް އޯވަރުގެތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 100 ލަނޑުހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި އިސާން އާއި 27 ލަނޑު ހެދި މުހައްމަދު ޝިޔާމް އެވެ. ޖަވާބުގައި ކޭޕީއެމްޖީ ކުޅެންއަރައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 64 ލަނޑެވެ.
ކޯސްޓްލައިންއާއި ސޮނީ ހާޑްވެއާ ބައްދަލުކުރާ ފައިނަލްމެޗު ކުޅުމަށް ހަމަޖެހިފައިވަނީ، މިއަދު ހަވީރު 4:30ގަ އެވެ. ފައިނަލް މެޗު ނިމުމުން އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އެކި މުބާރާތްތަކުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމުދިނުން އޮންނާނެ އެވެ.