06 Aug 2013, 11:07
އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި މިރޭ އިރުއޮއްސޭއިރު ދުނިޔޭގެ އެއްވެސް ތަނަކަށް ހަނދު ފެނުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އެއީ، ޝައްވާލު މަހުގެ ހަނދު އުފަންވާނީ މިރޭ (ބުދަވިލޭރެ) މާލޭ ގަޑިން މެންދަމުން އަލިވެ 0251 ގައި ކަމަށްވާތީއެވެ. އެހެންކަމުން، މިރޭ އިރުއޮއްސޭއިރު ހަނދު އުފަންނުވެ އަށެއްކަ ގަޑިއިރު ހުންނާނެއެވެ.
ފަލަކީ ހިސާބުން ދައްކާގޮތުގައި މިއަދު އިރުއޮއްސުމުގެ 29 މިނެޓް ކުރިން އިންޑޮނީޝިއާގެ ޖަކާޓާއަށް ހަނދު އޮއްސެއެވެ. އަދި މިއަދު އިރުއޮއްސުމުގެ 27 މިނެޓް ކުރިން މާލެއަށް ހަނދު އޮއްސެއެވެ. މައްކާއަށް ހަނދު އޮއްސެނީ މިއަދު އިރުއޮއްސުމުގެ 35 މިނެޓް ކުރިންނެވެ. ތުރުކީ ވިލާތުގެ އިސްތަންބޫލަށް މިއަދު ހަނދު އޮއްސެނީ އިރުއޮއްސުމުގެ 37 މިނެޓް ކުރިންނެވެ. އަދި މޮރޮކޯގެ ރަބާޠު އަށް އިރުއޮއްސުމުގެ 29 މިނެޓް ކުރިންނެވެ. އިންޑޮނީޝިއާއަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ އިރަށް އޮންނަ އެއް ޤައުމެވެ. މޮރޮކޯއަކީ އެންމެ ހުޅަނގަށް އޮންނަ ޤައުމެވެ. ތުރުކީ ވިލާތަކީ އެންމެ އުތުރަށް އޮންނަ ޤައުމެވެ.
މިގޮތުން ބަލާއިރު ދިވެހިރާއްޖެ ފަދަ، ހުސްވި ޖުލައި މަހުގެ 9 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 1 ވަނަ ދުވަސް ކަމުގައިވި ކޮންމެ ޤައުމަކަށްވެސް، މި ރަމަޟާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ. ހުސްވި ޖުލައިމަހުގެ 10 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 1 ވަނަ ދުވަސް ކަމުގައިވި ޤައުމުތަކަށް މި ރަމަޟާން މަސް ވާނީ 29 ދުވަހުގެ މަހަކަށެވެ. އަދި މާދަމާ ނޫން އަނެއް ދުވަސް (އޯގަސްޓް 8 ވާ ބުރާސްފަތި ދުވަސް) ވާނީ ޢީދު ދުވަހަށެވެ.
މާދަމާ (އޯގަސްޓް 7 ވާ ބުދަ ދުވަހު) ދުނިޔޭގެ ގިނަ އިސްލާމީ ޤައުމުތަކަށް ހަނދު އޮއްސޭނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކަނީ އިރުއޮއްސުމުގެ ފަހުންނެވެ. މިގޮތުން މާލެއަށް މާދަމާރޭ ހަނދު އޮއްސޭނީ އިރުއޮއްސުމުގެ 17 މިނެޓް ފަހުންނެވެ. މައްކާއަށް ހަނދުއޮއްސެނީ އިރުއޮއްސުމުގެ 11 މިނެޓް ފަހުންނެވެ. އިންޑޮނީޝިއާގެ ޖަކާޓާއަށް އިރުއޮއްސުމުގެ 18 މިނެޓް ފަހުންނެވެ. މޮރޮކޯގެ ރަބާޠަށް 6 މިނެޓް ފަހުންނެވެ. އެހެންކަމުން، މިހުރިހާ ތަނަކަށްވެސް މާދަމާ ނޫން އަނެއް ދުވަސް (އޯގަސްޓް 8 ވާ ބުރާސްފަތި ދުވަސް) ވާނީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައެވެ.
މިއަހަރު ކަންދިމާވިގޮތުން ރާއްޖެއާ އެއްދުވަހެއްގައި ރޯދަހިފަން ފެށީ ތުރުކީ ވިލާތުގައި އެކަނި ކަމަށް ބުނެވެއެވެ. އެހެން ގިނަ ޤައުމުތަކުން ރޯދަހިފަން ފެށީ އޭގެ 1 ދުވަސް ފަހުންނެވެ. ޙަޤީޤަތުގައި ހުސްވި ޖުލައި މަހުގެ 9 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 1 ވަނަ ދުވަސް ކަމުގައި ބެލުމުގައި ޝަރުޢީ މައްސަލައެއް ނެތެވެ. އެހެނީ، އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، އެދުވަހު އިރުއޮއްސުމުގެ މާކުރިން ވަނީ ރަމަޟާން މަހުގެ ހަނދު އުފަންވެފައެވެ. އެހެންނަމަވެސް އެދުވަހުގެ އިރުއޮއްސުމުގެ 3 މިނެޓާއި 8 މިނެޓާ ދޭތެރޭގައި ގިނަ ޤައުމުތަކަށް ހަނދު އޮއްސެއެވެ. އެހެންކަމުން، އެއިން އެއްވެސް ތަނަކަށް އެރޭ އިރުއޮއްސުމަށްފަހު ހަމަލޮލަށްވެސް އަދި ދުރުމިއެއް ފަދަ އެއްޗެއްގެ ބޭނުންކޮށްގެންވެސް ހަނދު ފެނުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިހެން ދެންނެވި ނަމަވެސް އެދުވަހު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ކިތަންމެ ކުޑައިރުކޮޅެއް ފަހުން ނަމަވެސް، އެއީ އާ މަހެއްގެ ހަނދުކަން ޔަޤީންވާތީ އެރެއަކީ ރަމަޟާން މަހުގެ 1 ވަނަ ރޭ ކަމަށް ބެލުމަކީ ޝަރުޢީ ގޮތުން ހަމަ އެންމެ ރަނގަޅު ކަމެކެވެ.
މިފަހަރު މިދިމާވިގޮތުން ބައެއް މީހުންގެ ހިތުގައި އުފެދޭނެ ސުވާލެއް އެބައޮތެވެ. އެއީ ރާއްޖޭގައި ހުރެ ޖުލައި މަހުގެ 9 ވަނަ ދުވަހު ރޯދަ ހިފަން ފަށާފައި ސިންގަޕޫރު މެލޭޝިއާ ފަދަ ޤައުމަކަށް ގޮސްތިބި މީހުން ހަދާނީ ކިހިނެއްތޯއެވެ؟ މިސުވާލެވެ. އެތަންތަނަށް ރަމަޟާން މަސް ވީ ޖުލައި މަހުގެ 10 ވަނަ ދުވަހު ކަމަށް ވާތީއެވެ. މިސުވާލުގެ ޖަވާބަކީ ހިޖްރީ އެއްވެސް މަހެއްގައި 30 ދުވަހަށްވުރެ ގިނަ ދުވަހެއް ނޯންނާނެއެވެ. އެހެންކަމުން، ރަމަޟާން މަހުގެ 30 ދުވަހު ރޯދަހިފުމަށްފަހު، ކޮންމެ ތަނެއްގައި ހުރިނަމަވެސް، އިތުރު ދުވަހަކު ރޯދަހިފާކަށް ނުޖެހޭނެއެވެ.