06 Aug 2013, 10:08
އިސްތަންބޫލް (އޮގަސްޓް 6): ތުރުކީގެ އިސްލާމީ ފިކުރުގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރު ވައްޓާލުމަށް ޢަސްކަރީ އިންޤިލާބެއް ގެނައުމަށް ރޭވިކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ތުރުކީ ސިފައިންގެ ކުރީގެ ވެރިޔާ (އާމީ ޗީފް އޮފް ސްޓާފް) ޖެނެރަލް އެލްކަރު ބަޝްބޮގް އުމުރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
މިމައްސަލާގައި އިސްތަންބޫލްގެ ސިލްފްރީގައި ހުންނަ ކޯޓުން ކުރި ޙުކުމްގައި ޖެނެރަލް ބަޝްބޮގްގެ އިތުރުން ތުރުކީ ސިފައިންގެ ރިޓަޔަޑް ބައެއް ޖެނެރަލުންނާއި މަދަނީ ބައެއް އިސް މަސްއޫލުވެރިން ވެސް ޝާމިލްވެ އެވެ. މަދަނީ މަސްއޫލުވެރިންގެ ތެރޭގައި ޤާނޫނީ ވަކީލެއް ކަމަށްވާ ކަމާލް ކްރިން ޝީޒް އާއި ތުރުކީގެ ދައުލަތުގެ ކައުންސިލްގެ މެންބަރެއް ކަމަށްވާ އަލްބަރްސަލާން އަރްސަލާން އާއި ނޫސްވެރިއެއްކަމަށްވާ ތުންޖާއި އޮޒްކާން އާއި ލޭބާ ޕާޓީގެ ރައީސް ދޯގޯ ބްރިންޖިކް ހިމެނޭކަން ސާބިތުވާތީ މިއެންމެން ވެސް އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވެ އެވެ.
މީގެ އިތުރުން އުރުދުޣާންގެ ސަރުކާރު ވައްޓާލުމަށް ސިފައިންނާ ގުޅިގެން ރޭވިކަމުގެ ކުށް ސާބިތުވާތީ ތުރުކީގެ ޢިލްމާނީ ޕާޓީއެއް ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ އަށް ނިސްބަތްވާ ޕާލަމެންޓް ބައެއް މެންބަރުންނާ އަދިވެސް އުރުދުޣާންގެ އިސްލާމީ ފިކުރާ އިދިކޮޅު ލާދީނީ ފިކުރުގެ ގިނަ އަދަދެއްގެ ކުރީގެ މަސްއޫލުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެ އެމީހުން ވެސް ދިގު މުއްދަތުތަކަށް ޖަލަށްލުމަށް އިސްތަންބޫލްގެ ކޯޓުން ޙުކުމްކުރި އެވެ.
މިއެންމެންގެ މައްޗަށް ވެސް ސާބިތުވެފައި ވަނީ ބާރުގެ ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް އުރުދުޣާންގެ ދަސްތޫރީ އަދި ޤާނޫނީ ވެރިކަން ފޮރޮޅާލައި ތުރުކީގައި ހަމަނުޖެހުން އުފައްދަން ރޭވިކަމުގެ ތުހުމަތެވެ. މިކަންކުރުމަށް ޓަކައި އުރުދުޣާންގެ ބައެއް އިސްއެހީތެރިންނާއި އޭނާގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން މެރުމަށް ރޭވިކަން ވެސް ވަނީ މީގެ ތެރެއިން ގިނަ ބައެއްގެ މައްޗަށް ސާބިތުވެފަ އެވެ. އުރުދުޣާންގެ ވެރިކަން ފޮރޮޅާލުމަށް މިބައިމީހުން ރާވާފައި ވަނީ 2009 އާއި 2010 ގަ އެވެ. އެ ދުވަސްވަރު ޖެނެރަލް އެލްކަރު ބަޝްބޮގް ހުންނެވީ ތުރުކީ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ކަމުގެ މަޤާމުގަ އެވެ.
ތުރުކީސިފައިންނަކީ އެގައުމުގެ ސިޔާސީ ނިޒާމުގެ ތެރެއަށް އަތްބާނައި ޢަސްކަރީ އިންޤިލާބުތައް ގެނަސް ދިމުޤްރާތީ ވެރިކަންތައް ވައްޓާލުމުގެ އެތައް ޙަރަކާތްތަކެއް ހިންގަމުން ގެންދިޔަ ވަރަށް ބާރުގަދަ ބައެކެވެ. މިގޮތުން ތުރުކީ ސިފައިން ތިން ފަހަރެއްގެ މަތިން އެގައުމުގެ ބޮޑުވަޒީރުން މަޤާމުން ދުރުކޮށް ޢަސްކަރީ އިންޤިލާބުތައް ގެނަސްފައިވެ އެވެ. މިގޮތުން 1960ގެ އަހަރުތަކުގައި އޭރުގެ ބޮޑުވަޒީރު ޢަދްނާން މަންދަރީސް ދަންޖައްސައި މަރާފައިވެ އެވެ. އަދި ތުރުކީގެ އިސްލާމީ ފިކުރުގެ ބޮޑުވަޒީރެއް ކަމަށްވާ ޑރ. ނަޖްމުއްދީން އެރްބަކާންގެ ސަރުކާރު 1990ގެ އަހަރުތަކުގައި ވައްޓާލައި އޭނާ ޖަލަށްލައި އޭނާގެ ސިޔާސީ ޙަޔާތް ނިމުމަކަށް ގެނަސްފައިވެ އެވެ.
ނަމަވެސް އުރުދުޣާންގެ ވެރިކަމުގައި ވަނީ ތުރުކީ ސިފައިންގެ ނުފޫޒުގަދަ ޖެނެރަލުން މަޤާމުން ދުރުކޮށް ސިފައިންގެ ސިޔާސީ ފިޔަގަނޑު ކޮށާލައި އެމީހުންނަކީ ހަމައެކަނި ބޭރުގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށްތިބޭ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ހެދުމުގައި ކާމިޔާބު ހޯއްދަވާފަ އެވެ. އެހެންކަމުން މިއީ ތުރުކީ ސިފައިންގެ ބާރާއި ނުފޫޒުގަދަ ލާދީނީ ފިކުރުގެ ޖެނެރަލުންނާއި އުރުދުޣާން އާ ދެމެދު ހިނގި ވަރަށް ވަރުގަދަ ހަނގުރާމައެކެވެ. މިހަނގުރާމައިގާ އުރުދުޣާން މިވަނީ ޖެނެރަލުންގެ މައްޗަށް ކާމިޔާބު ހޯއްދަވާފައި ކަމަށް މުޙައްލިލުން ސިފަކުރެ އެވެ. ތުރުކީ ސިފައިންގެ ތާރީޚުގައި ވެސް މިއީ އެގައުމުގެ ކުރީގެ ޖެނެރަލުންތަކެއް މައްޗަށް މިފަދަ ޙުކުމްތަކެއް ކުރެވުނު ފުރަތަމަ ފަހަރެވެ. ތުރުކީގައި ސިފައިންގެ ޖެނެރަލުންގެ މައްޗަށް މިފަދަ ޙުކުމްތަކެއް ކުރެވި އެމީހުން ޖަލަށް ލެވިދާނެކަމީ މީގެކުރިން ހުވަފެނުން ވެސް ނުފެންނަ ކަމެކެވެ.
އަދި ޤާނޫނުން މަތީގައި އުޅެވޭނެ ކަމުގެ ވިސްނުމުގައި އުޅޭކަމަށް ތުހުމަތު ކުރެވޭ ތުރުކީ ސިފައިންގެ ޖެނެރަލުންގެ ސުލޫކާއި މުޅި ޙަޔާތް މި ޙުކުމްތަކުގެ ސަބަބުން ބަދަލުވެގެންދާނެ ކަމަށް މުރާސިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)