05 Aug 2013, 23:41
މިފަހަރުގެ އެފްއޭ ކަޕްގައި ވިކްޓަރީ ސްޕޯޓްސް ކްލަބް ވާދަނުކުރަން ނިންމި ނިންމުމަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗް ވެލިޒާ ޕޮޕޯފް ބުނެފި އެވެ.
ބީ52 އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ނިއުއާއި ވިކްޓަރީ ވާދަކުރަން އޮތް މެޗުގައި، ވިކްޓަރީ ނުކުޅޭނެކަން އެފްއޭއެމްއިން ރަސްމީކޮށް ނިއުއަށް އެންގުމުން އެ ކްލަބްގެ ވެބަސައިޓްގައި ޕޮޕޯފް ބުނެފައި ވަނީ، ވިކްޓަރީގެ އެ ނިންމުމާ ދޭތެރޭ ހިތާމަ ކުރާ ކަމަށެވެ.
"މެޗު ނުކުޅެން ވިކްޓަރީން ނިންމުމަކީ ވަރަށް ދެރަކަމެއް. އެއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބޭ ދެރައެއް،" ޕޮޕޯފް ބުންޏެވެ.
ނިއުގެ ކޯޗު ބުނީ، ހަތަރު މަސްދުވަހުގެ މުސާރަ ލިބިފައި ނުވާއިރު ވެސް ވިކްޓަރީ ފުރަތަމަ ޑިވިޝަންގައި ބޭއްވުމަށް ދިވެހި ލީގު ކޮލިފިކޭޝަންގައި އެ ކްލަބްގެ ކުޅުންތެރިންނާއި ކޯޗު ކުރި މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ.
"ވިކްޓަރީގެ ކޯޗާއި، ކުޅުންތެރިންގެ ނިންމުމަށް އަހަރެން ފުރިހަމައަށް ތާއީދު ކުރަން. ސަބަބަކީ ހަތަރު މަސްދުވަހުގެ މުސާރަ ނުލިބިވާއިރު ވެސް އެ މީހުން ވަނީ، ކްލަބް ފުރަތަމަ ޑިވިޝަނުން ކެޓިއަ ނުދީ ހިފަހައްޓާފައި،" ޕޮޕޯފް ބުންޏެވެ.
ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވިކްޓަރީއާ ދެކޮޅަށް ކުޅެންޖެހޭ ކުއާޓާ ފައިނަލްގެ މެޗު ނުކުޅެ ސެމީ ފައިނަލަށް ދިއުމުން ކާމިޔާބުގެ ފުރިހަމަ އިހްސާސް ނުކުރެވޭ ކަމަށެވެ.
"ވިކްޓަރީއާ ދެކޮޅަށް ކުއާޓާ ފައިނަލް އަހަރެމެންނަށް ކާމިޔާބު ކުރެވިއްޖެ. ލަނޑެއް ކާމިޔާބު ނުކޮށް ލިބުނު ސިޓީއަކުން. އެކަމަކު މެޗެއް ކާމިޔާބުވުމުން އެ ލިބޭ އުފާ އިހްސާސެއް ނުކުރެވޭ،" ބަލަކް ވިދާޅުވި އެވެ.
ނިއުއިން ބުނީ، ދިވެހި ލީގު ނިމުމާއެކު މިރޭ ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމުގެ މަސައްކަތްތައް އެ ކްލަބުން ފެށި ކަމަށާއި، އޭއެފްސީ ކަޕްގެ ކްއާޓާ ފައިނަލަށް ތައްޔާރުވުމަށް ކްލަބްގެ ޓްރެއިނިންތައް ފެށުމުގެ ކުރިން، މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ކްލަބްގެ ކުޅުންތެރިންނަށް ކުޑަ ބްރޭކެއް ދީފައިވާ ކަމަށެވެ.
ސަންއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިކްޓަރީގެ އެސިސްޓެންޓް މެނޭޖަރު އިބްރާހީމް ޙިއްސާން ވިދާޅުވެފައި ވަނީ މުބާރާތުގައި ވާދަ ނުކުރުމަށް ވިކްޓަރީން ނިންމީ، ކްލަބްގެ މާލީ ހާލަތު ހުރިގޮތުން، މިވަގުތު އެ ޓީމަށް އެންމެ ރަނގަޅު ގޮތަކީ މުބާރާތުގައި ވާދަ ނުކުރުން ކަމަށް ކްލަބްގެ ބޯޑުމެންބަރުން ނިންމުމުން ކަމަށެވެ.
އެފްއޭ ކަޕް ސެމީ ފައިނަލްގައި ނިއުއާ ވާދަކުރާނީ، ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މާދަމާ ރޭ ބީޖީ ސްޕޯޓްސްއާއި ކްލަބް އީގަލްސް ކުޅެން ހަމަޖެހިފައިވާ މެޗުން މޮޅުވާ ޓީމަކާ އެވެ.