05 Aug 2013, 23:27
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހާ އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެ އެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައިގެ ތުހުމަތުގައި ހޯދަމުން ދިޔަ ހދ. ވައިކަރަދޫ، މޮހޮރީގޭ އައިޝަތު ޝަރުމީނާ، 32، ފުލުސް އޮފީހަށް ހާޒިރުވެފައި ވަނީ އޭނާ ހޯދަން މިޑިއާ މެދުވެރިކޮށް އިއުލާން ކުރިތާ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.
މަކަރާއީ ހީލްތް ހެދުމުގެ އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޝަރުމީނާ ސަން އަށް ބުނީ އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި އޭނާގެ ފޯން ނަމްބަރު ބަދަލުކުރި ވާހަކަ އޮންނާނީ ފުލުހުންނަށް ކުރިން އަންގާފައި ކަމަށެވެ. އަދި އޭނާ ބުނީ އޭނާއަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ފުލުހުން ހިންގި އަމަލާ ބެހޭ ގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.