11 Nov 2010, 10:35
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ ސައިކަލުގެ އެކިތަންނަނުގައި ކަޓަރު އަޅައި މަޑިކަފާލައިފި އެވެ.
ޑީއާރްޕީގެ އެއް ޑެޕިއުޓީ ލީޑަރު ކަމުގައިވާ އިލްހާމް މިއަދު ވިދާޅުވީ، ރޭ 11 ޖަހާ އެކާކަންހާއިރު އޭނާ ދަރުމަވަންތަ ސްކޫލް ކައިރީ ހުރި ފިހާރައަކަށް ވަދެވަޑައިގެންފައި ނުކުންނެވި އިރު ސައިކަލުގެ މަޑި ބޭނުން ނުކުރެވޭ ވަރަށް ކަފައިލައިފާވާ ކަމަށެވެ. އެއީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކުރި ކަމެއް ކަމަށާއި މިހާރު ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އިލްހާމް މިއަދު އިތުރަށް ވިދާޅުވީ، އެ ހާދިސާ ހިނގީ ފުލުހުން އޭނާ އަށް ދޭން ޖެހޭ ހިމާޔަތް ނުދިނުމުގެ ސަބަބުން ކަމަށާއި ތަކުރާރުކޮށް އެދުމުން ވެސް ފުލުހުން ސިކިއުރިޓީ ދީފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން އޭނާ އަށް ބައެއް ފަހަރު ސެކިއުރިޓީ ދީފައިވާ ކަމަށާއި ސެކިއުރިޓީ ކަނޑާލީ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށެވެ.
"ސެކިއުރިޓީއަށް އެދުމުން ނުދެއްވާ ނުދެއްވާފައި ދޭތެރައަކުން ދެއްވި ސެކިއުރިޓީ. ދެން އެންމެ ފަހުން އެންގީ އެންމެ ފަހުން މާލެ ތެރޭގައި އޮތް މުޒާހަރާއާ ގުޅިގެން، މުޒާހަރާއަށް ނުކުމެއްޖިއްޔާ ސެކިއުރިޓީ ކަނޑާލާނެ ކަމަށް [ފުލުހުން] އަންގާފައި އަޅުގަނޑުގެ ސެކިއުރިޓީ ވަނީ ނަގާފައި" އިލްހާމް ވިދާޅުވި އެވެ.
އިލްހާމްގެ ސެކިއުރިޓީ ކަނޑާލާފައިވޭތޯ ދެންނެވުމުން ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން އިލްހާމަށް ވެސް ލިބޭނެ ކަމަށެވެ.