މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ވޭން ރޫނީ ގަތުމަށް ޗެލްސީއިން ހުށަހެޅި ދެވަނަ ބިޑަށްވެސް ޔުނައިޓެޑުން ނޫނެކޭ ބުނެފި އެވެ.

ޔުނައިޓެޑް ދޫކޮށް ދާން ބޭނުން ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދާ 27 އަހަރުގެ އިންގްލެންޑް ފޯވަޑް ހޯދުމަށް ޗެލްސީއިން އެންމެ ފުރަތަމަ ބިޑްކުރީ 20 މިލިއަން ޕައުންޑެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހަރު ޗެލްސީއިން ހުށަހަޅާފައިވާ އަދަދު 30 މިލިއަން ޕައުންޑާ ގާތްކުރާނެ އެވެ. އެއީ 25 މިލިއަން ޕައުޑާއި އަދި ފަސް މިލިއަން ޕައުންޑުގެ އިތުރު އިނާޔަތްތަށް ހިމެނޭ ގޮތަކަށެވެ.

"ޗެލްސީން ރޫނީއަށް ދެވަނަ ފަހަރަށް ބިޑް ކުރީ، އާދީއްތަ ދުވަހު. އެކަމަކު ޔުނައިޓެޑުން ވަނީ، ވަގުތުން އެކަމަށް ދެކޮޅުހަދާފައި. އަހަރެމެންގެ ވިސްނުން ހުރީ ރޫނީ ވިއްކާ ގޮތަކަށް ނޫން،" ޔުނައިޓެޑްގެ އޮފިޝަލަކު ބުންޏެވެ.

ޗެލްސީގެ ކޯޗުކަމާ މޮރީނިއޯ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު އެ ކްލަބް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި އެންމެ އިސްކަމެއް ދީގެން ހޯދާ ކުޅުންތެރިއަކީ ރޫނީ އެވެ. ޗެލްސީގެ ދެވަނަ ހުށަހެޅުމަށްވެސް ޔުނައިޓެޑުން ނޫނެކޭ ބުނުމުން، ރިޕޯޓުތަސް ބުނާގޮތުން ރޫނީ މިހާރު ތައްޔާރުވަމުން ދަނީ ރަސްމީ ކޮށް ޔުނައިޓެޑަށް ޓްރާންސްފާ ރެކްއެސްޓް ހުށަހެޅުމަށް ތައްޔާރުވަމުން ނެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ޑޭވިޑް މޮއެސް ހަވާލުވިފަހުން، ރޫނީގެ ބޭނުން ހިފާނީ، ރޮބިން ވެންޕަސީގެ ބެކަޕަކަށް ކަމަށް ބުނެ ވާހަކަ ދެއްކި ހިސާބުން ރޫނީ ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ، އަދި ޔުނައިޓެޑްގައި މަޑުކުރަން އެއްގޮތަކަށްވެސް ބޭނުން ނޫންކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެހެން ނަމަވެސް މޮއެސް ބުނަމުން ގެންދަނީ، ޔުނައިޓެޑުން ރޫނީ ވިއްކައި ނުލާނޭ ކަމަށެވެ.

ޕްރިސީޒަން ޓްއާގައި ސްވިޑްންގެ އޭއައިކޭއާ ދެކޮޅަށް ޔުނައިޓެޑް މާދަމާ ކުޅުމަށް ހަމަޖެހިފަވާ އެކުވެރި ކަމުގެ މެޗުގައި އަނިޔާގެ ސަބަބުން ރޫނީއަށް ބައިވެރިއެއް ނުވެވޭނެ އެވެ.

"ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ވެއްޓި ރޫނީގެ ކޮނޑަށް ވަނީ އަނިޔާ ވެފައި. އެކަމަކު އެއީ އެހާ ބޮޑު އިންޖަރީއެއް ނޫން. އަހަރެން ވަރަށް ދެރަވޭ ރޫނީއަށް މެޗުގައި ބައިވެރި ނުވެވޭތީ. އަހަރެމެން ބޭނުން އޭނާ ފޯމަކަށް އަޅުވަން،" މޮއެސް ބުންޏެވެ.