ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އަމަލީގޮތުން މިއަދު ފަށްޓަވައި ދެއްވައިފިއެވެ.

މިކަމަށްޓަކައި މިއަދު މެންދުރުފަހު ކުޑަހުވަދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވީހާވެސް ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން މިހާރު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ރަށްރަށުގެ މަގުތައް ނުހެދޭ ފެންވަރަކަށް، ބާރުމިނުގައި މި މަޝްރޫއުގެ ދަށުން މަގުތައް އިރާދަކުރެއްވިއްޔާ ހަދާ ނިމޭނެ ކަމުގައި ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރު ފެށޭއިރު، މި މަޝްރޫއުގެ ދަށުން، ރާއްޖޭގެ ހަ ރަށެއްގައި، ގާތްގަނޑަކަށް 50 ކިލޯ މީޓަރުގެ މަގު ހެދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ހައްދުންމަތީ ގަމުގެ 16 ކިލޯމީޓަރުގެ ދިގުމަގުގައި ޗައިނާ ސަރުކާރުގެ އެހީގައި، ތާރުއަޅާ ނިންމާލެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޑަހުވަދޫގެ ތަރައްގީއަށްޓަކައި ރޭވިފައިހުރި މަޝްރޫއުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. މިގޮތުން، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި، ސަރުކާރުން ކުޑަކޮށްވެސް ފަހަތަށްނުޖެހި، ހޯދަންޖެހޭ އެއްޗެއް ހޯދައިގެން، ފަރުވާތެރިކަމާއެކު މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

މަގުހެދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވުމަށްފަހު، ސުނާމީ ކާރިސާއާ ގުޅިގެން ކުޑަހުވަދޫއަށް ބަދަލުކުރެވިފައިވާ ވާނީގެ ރައްޔިތުންނަށް އިމާރާތް ކުރަމުންގެންދާ ގެތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ.