ދޮން ކާފަ ހޫރާލި ކަތިވަޅިން ޖެހި ކުޑަކުއްޖަކު ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:30 ހާއިރު ގދ. ރަތަފަންދޫގައި ހިނގި އެ ހާދިސާގައި ޒަހަމްވެފައިވަނީ ތިން އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ހާދިސާގައި އެ ކުއްޖާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ކުޑަކުއްޖާގެ ކަނާތުފައިގެ ކަށިމަތިން ދެތަނެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

ދޮންކާފަ ހޫރާލި ކަތިވަޅިން ޖެހި ކުޑަކުއްޖަކު ޒަހަމްވުމުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ވެސް އެ ކުއްޖާގެ އާއިލާއިންނެވެ. ފުލުހުން ބުނީ އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަަމަށާއި ދޮންކާފަ އެކަން ކުރީ ގަސްތުގައި ކަމެއް ނުވަތަ "ބޭއިހްތިޔާރުގައި" ކަމެއް އިނގޭނީ އެ މައްސަލަ ތަހުގީގު ކުރުމުން ނެވެ.

ކަޅިވަޅިންޖެހި ޒަހަމްވި ކުޑަކުއްޖާއަށް ލިބުނު ޒަހަމުތަކަށް ރަތަފަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 77 އަހަރުގެ މީހަކު ހޯދަމުން އަންނަ ކަމަށެވެ.