05 Aug 2013, 15:15
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށް ބޭނުންކުރައްވާ މައިކް ސިސްޓަމް ބޭނުންކޮށްގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ލަވައެއް އަޑުހަރުކޮށް ޖަހައިފި އެވެ.
މަޖިލީހުގެ ތަޅުމުގެ މައިކް ސިސްޓަމް ބޭނުންކޮށްގެން ގާސިމްގެ ކެމްޕޭން ލަވައެއް މަޖިލީހުގެ ތަޅުމަށް އިއްވާފައި ވަނީ މަޖިލީހުގެ މިއަދު ޖަލްސާ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ސްޓޭޝަންތަކުން ވަގުތުން ބްރޯޑްކާސްޓް ކުރަމުންދަނިކޮށެވެ. ގާސިމްގެ ކެމްޕޭން ލަވަ އިއްވިއިރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ގެންދެވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ޝަރީފެވެ.
ލަވައިގެ އަޑު ގަދަވެގެންދިޔަ ވަގުތު ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ގެންދެވި ޝަރީފުގެ އަޑު އެއްވެސް ގޮތަކަށް ނީވެ އެވެ.
ޝަރީފު ސަން އަށް ވިދާޅުވީ އޭނާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު މަޖިލިސް ތެރެ އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައި ކަމަށާއި އޭނާގެ މައިކް ބޭނުންކޮށްގެން އެއްވެސް ބޭފުޅަކު ފޯނަކުން ވެސް ލަވައެއް ޖަހާފައި ނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މަޖިލީހަށް އެ ވަގުތު އިވިގެންދިޔައީ ކެމްޕޭން ލަވައެއް ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި އެފަދަ ލަވައެއް މަޖިލީހުގައި ޖެހި މެންބަރެެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވިދާޅުވީ އެއީކީ "ރައްޔިތުންގެ މަޖިލީހުން ޖެހި ލަވައެއް" ނޫން ކަމަށާއި އެއީ ކެމްޕޭން ލަވައެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ލަވައެއް ޖެހިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ކިހިނަކުންވީ ކަމެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އަމީންއާންމު ވިދާޅުވި އެވެ.
"އެއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޖެހި ލަވައެއް ނޫން. ލަވައެއް ޖެހިއަޑު އިވުނު. އެހެން ނަމަވެސް އެއީ ކޮންމެ މެންބަރެއްގެ މޭޒުކޮޅުން ކަމެއް ނޭނގޭ. މަޖިލިސް އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައި. އަޅުގަނޑުމެން ޖެހި ލަވައެއް ނޫން އެއީ،" މަޖިލީހުގެ އަމީންއާންމު ވިދާޅުވި އެވެ.
މަޖިލީހުގެ ސައުންޑު ސިސްޓަމް ބޭނުންކޮށްގެން ލަވައެއް ތަޅުމުގައި ޖަހާފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މިނިވަންމުއައްސަސާތަކުގެ ކޮމެޓީން ތައްޔާރުކޮށްފައިވާ ރިޕޯޓު ހުށަހެލުމުން ތަޅުން ހޫނުވެފައި ވަނިކޮށެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ޖެހި ލަވަޔަކީ ޔޫޓިއުބްގައި ރެކޯޑް އަދަދަކަށް މީހުން ބަލާފައިވާ "ގަންނަމް ސްޓައިލް"ގެ ރާގަށް ހަދާފައިވާ ދިވެހި ލަވައެކެވެ.