ރާއްޖޭގައި މިހާރު ފައްކާވަމުން ދަނީ ވެރިކަމުގެ ފަރާތުން އަނިޔާވެރިނުވާ، އޯގާވެރި، ހެޔޮވެރިކަމުގެ ނިޒާމެއް ކަމަށާއި މިއީ ވެރިކަމުގެ ފަރާތުން ބަދަލުހިފުމުގެ ރޫޙު ދޫކޮށްލާފައިވާ ޒަމާނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި މިއަދު ފާހަގަކުރާ 42 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހަކީ އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވިތާ ދެ އަހަރު ފުރޭ ދުވަސްކަމަށާއި މި ދެ އަހަރު ފުރުނުއިރު، ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިމިވާ ފުރިހަމަ މިނިވަންކަމުގެ ޙަޤީޤަތަކީ، ރާއްޖޭގެ ވެރިކަމަށް ދިވެހި ރައްޔިތުން ގެނެސްފައިވާ ބަދަލު ކަމަށެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ މިޞްރާބަށް ރާއްޖޭގެ ޖުމްހޫރީ އޮޑި މިއަދު ދުވަމުން ދަނީ ރާއްޖޭގެ ކެރޭ ދިވެހި ރައްޔިތުންތަކެއް ކުރި ބުރަ އަދި ތެދުވެރި މަސައްކަތްތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


"ޚިޔާލުފާޅުކުރުމާއި މުޒާހަރާ ކުރުމާއި އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން މިއަދު ލިބިފައިމިވަނީ، މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކުވީ މަތިވެރި ޤުރްބާނީތަކުގެ ސަބަބުން. އެ ބަދަލު ދިވެހިން ގެނައީ، މާރާމާރީ އާއި ލޭއޮހޮރުވުން މެދުވެރިވިޔަނުދީ ސުލްހަވެރިކަމާ އެކު ހިންގި ސިޔާސީ ޙަރަކާތްތަކުން" ރައީސް ވިދާޅުވި އެވެ.


ރައީސް މިއަދު ވިދާޅުވީ، ޤައުމުގައި މިހާރު އަށަގަންނަމުން ދަނީ އިންސާނީ ޤަދަރާއި ކަރާމާތް ވެރިކަމުގެ ފަރާތުން ހިފަހައްޓައިދޭ ރީތި އާދަތަކެއް ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރަށް ހޯދިފައިވާ ނިސްބަތުން ގިނަ ކާމިޔާބީތައް، އޭގެ ކުރީގެ އެތަކެއް އަހަރަކާ ނުބައްދަލުކަން ފާހަގަކުރެއްވި އެވެ. ނަމަވެސް، ޒަމާނުއްސުރެ އަށަގެންފައިވާ ނުރަނގަޅު އާދަތަކާއި، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ އާދަތައް ފޮހެލުމަކީ، އެންމެ ދެއަހަރުން ކުރެވޭނެ ކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވި އެވެ.


"ވޭތުވި ދެއަހަރު ދުވަހުގެތެރޭ އަޅުގަނޑުމެންނަށް ހޯދިފައިވާ ނިސްބަތުން ގިނަ ކާމިޔާބީތައް، އޭގެ ކުރީގެ އެތަކެއް އަހަރަކާ ނުބައްދަލު. ޒަމާނުއްސުރެ އަށަގެންފައިވާ ނުރަނގަޅު އާދަތަކާއި، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމުގެ އާދަތައް ފޮހެލުމަކީ، އެންމެ ދެއަހަރުން ކުރެވޭނެ ކަމެއް ނޫން. އެހެންކަމާއެކު ވެސް، މިހާރު މި ރާއްޖޭގައި ފައްކާވަމުން މިދަނީ، ވެރިކަމުގެ ފަރާތުން އަނިޔާވެރިނުވާ، އޯގާވެރި، ހެޔޮވެރިކަމުގެ ނިޒާމެއް. އަދި މިއީ ވެރިކަމުގެ ފަރާތުން ބަދަލު ހިފުމުގެ ރޫޙު ދޫކޮށްލާފައިވާ ޒަމާނެއް. މި ޤައުމުގައި މިހާރު އަށަގަންނަމުން މިދަނީ، އިންސާނީ ޤަދަރާއި ކަރާމާތް، ވެރިކަމުގެ ފަރާތުން ހިފަހައްޓައިދޭ ރީތި އާދަތަކެއް. ހަމައެހެންމެ، އާލާވަމުން މިދަނީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީގެ ތަހުޒީބު މިސާލުތައް" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒުތައް ކަނޑައެޅިފައި މިވަނީ، އިންތިޚާބީ ވަޢުދުތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، މަތިވެރި މާތް އިރާދަފުޅާއި، ކާމިޔާބުކަމާ އެކު މި ސަރުކާރުގެ ވަޢުދުތައް އެކަށީގެންވާ ހަލުވިމިނުގައި ފުއްދެމުންދާ ކަން ފާހަގަކުރައްވައި، އެ ވައުދުތައް ފުއްދުމުގައި ސަރުކާރަށް ހާސިލްކުރެވިފައިވާ ކަންކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.


މީގެ އިތުރަށް ސަރުކާރުން ފަށްޓަވާ ކަންކަން ކާމިޔާބު ކުރެއްވުމަށްޓަކައި، ޤައުމާއި ޖުމްހޫރިއްޔާގެ ކުރިއެރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދާއި އެއްބާރުލެއްވުން ސަރުކާރަށް ދެއްވުމަށް ރައީސް މިއަދު އިލްތިމާސް ކުރެއްވި އެވެ. އަދި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، 2011 ވަނަ އަހަރުގެ ބަޖެޓް ރިޢާޔަތް ކުރައްވާއިރު، ރަށްވެހި ތަރައްޤީއަށާއި ދިރިއުޅުމުގެ ފަސޭހަތަކަށް މިރާއްޖޭގެ ރައްޔިތުން ކުރައްވާ އުންމީދުތަކާ ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާ ގުޅިފައިވާ މިންވަރު ފާހަގަކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވިއެވެ. 2011


"އެކަންކަން ކާމިޔާބު ކުރުމަށްޓަކައި، ދިވެހި ޤައުމާއި ދިވެހި ޖުމްހޫރިއްޔާގެ ކުރިއެރުމަށްޓަކައި، މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އެންމެހާ މެންބަރުންގެ ތާއީދާއި އެއްބާރުލެއްވުން ސަރުކާރަށް ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން" ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޖުމްހޫރީ ދައުލަތް ވަރުގަދަވެ، ސަރުކާރުގެ މަސައްކަތްތަކުގެ ޖުމްލަ ނަތީޖާ، އޭގެ އެންމެ ހެޔޮގޮތުގައި ލިބޭނީ، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި އަދި ޢާންމުކޮށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު، މި ޤައުމުގެ ހެވާއި ލާބަ އިސްކުރައްވައިގެން ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ އަމަނިކުފާނު ވެރިކަމުގެ ނާޖާއިޒު ފައިދާ ނުނަންގަވާނެ ކަމަށާއި އަދި ދަރިދަރިކޮޅަށް ދެމިގެންދާ ތަރިކަ މުދަލަކަށް ވެރިކަމެއް ނަހަދާނެ ކަން ފާހަގަކުރައްވައި، އެމަނިކުފާނަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.


"ތިޔަބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ ވަރަށް މުހިންމުކަމެއް އެބައޮތް. އެއީ، އަޅުގަނޑަށް އިތުބާރު ކުރެއްވުން. އަޅުގަނޑެއް ތިޔަބޭފުޅުންނަކަށް ދެރަގޮތެއް ނުހަދާނަން"