05 Aug 2013, 15:11
ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ޕާޓީ އަކާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާ ކަމަށް އެމްޑީއޭ އިން ބުނެފި އެވެ. އެމްޑީއޭ އިން މިހެން ބުނީ ޖުމުހޫރީ ޕާޓީ އާއި އެކު ވެސް އެ ޕާޓީން ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުގައި މިއަދު ރިޕޯޓު ކުރުމާ ގުޅިގެން ސަންއަށް ދެއްވި އިންޓަވިއު އެއްގައި އެމްޑީއޭގެ ޑެޕިޔުޓީ ލީޑަރު ޢަލީ މައުރޫފެވެ.
މައުރޫފު ވިދާޅުވީ އެމްޑީއޭ އިން ޕީޕީއެމް އާ އެކު ކުރަމުން އަންނަ މަޝްވަރާތަކަކީ އެމްޑީއޭގެ ކައުސިލުން އެ ގޮތަށް ނިންމައިގެން ކުރަމުން އަންނަ މަޝްވަރާތަކެއް ކަމަށާއި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޕީޕީއެމް ފިޔަވައި އެހެން ބަޔަކާ މަޝްވަރާ ކުރާން އަދި ނިންމާފައި ނުވާ ކަމަށެވެ.
"އެމްޑީއޭ އިން ކޯލިޝަން މަޝްވަރާތައް މިގެންދަނީ މި ޕާޓީގެ ކައުންސިލުން ނިންމަވާފައިވާ ގޮތްތަކެއްގެ މަތީން. ކައުންސިލުން ނިންމަވާފައި ވަނީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދަން ފެންނަ ކަމަށާ އެ މަޝްވަރާތައް ޕީޕީއެމް އާއި އެކު ފެށުމަށް. އެހެން ކަމުން އެހެން ބަޔަކާ އެކު މަޝްވަރާއެއް ކުރެވޭނީ އަނެއްކާ ވެސް ކައުންސިލުން އެހެން ގޮތަކަށް ނިމިގެން. އެހެން ނަމަވެސް ކައުންސިލުން އިތުރު ނިންމުމެއް އަދި ނިންމާފައެއް ނުވޭ،" މައުރޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީއޭ އިން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިޔަށް ގެންދަނީ އެ ކަމަށް ޚާއްސަ ކޮމެޓީއެއް ނަގައިގެން ވަރަށް ޑިޕްލޮމެޓިކްކޮށް ކަމަށާއި ޕީޕީއެމް އާއި އެކު ކުރިޔަށް ގެންދާ ވާހަކަތައް އަދި ވަނީ މަޝްވަރާގެ މަރުހަލާގައި ކަމަށެވެ. އެ ގޮތުން ދެ ފަރާތުން ވެސް ކަންތައްތަކެއް ހުށަހަޅައި އެ ކަންކަމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މައުރޫފު ވިދާޅުވި އެވެ.
މައުރޫފު އިތުރަށް ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ކޮޅެއްގައި ޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޕާޓީގެ ވަކި މެންބަރަކު، ނުވަތަ ކައުންސިލުގެ ވަކި މެންބަރަކު ޕާޓީ އަކާ އެކު ވާހަކައެއް ދެއްކެވި ނަމަވެސް އެއީ އެމްޑީއޭގެ ބަސް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އެ މެންބަރެއްގެ ފަރުދީ ހައިސިއްޔުން ދައްކާ ވާހަކައެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށާއި އެ ކަމާ ގުޅޭ މަޝްވަރާތައް ޕީޕީއެމް އާއި އެކު ފެށުމަށް ފާސްކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގެރޭ އެމްޑީއޭ އިން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުންނެވެ.