އިޖުތިމާއީ ރައްކާތެރިކަމުގެ ބިލް އަނެއްކާ ވެސް އަނބުރާ ކޮމެޓީ އަށް ފޮނުވާލައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ބިލު އަނބުރާ ކޮމެޓީ އަށް ފޮނުވަން ތާއީދު ކުރީ 31 މެންބަރުންނެވެ. ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު ހުންނެވި އެވެ.

އިޖުތިމާއީ ރައްކާތެރި ކަމުގެ ބިލު އަނބުރާ ކޮމެޓީ އަށް ފޮނުވަން ހުށަހެޅުއްވީ މިލަދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

އިޖުތިމާއީ ރައްކާތެރި ކަމުގެ ބިލަކީ ކުރީގެ ރައީސް މުހުއްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމ،ާއީ ކޮމެޓީން މިއަދު ތަޅުމަށް ހުހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ ބިލަކީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި ބިލެއް ކަމުގައި ވީނަމަވެސް މިހާރު އެ ބިލަށް ވަނީ ވަރަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައި ކަމަށެވެ. އަދި މިހާރު އެ ބިލް އޮތް ގޮތުން އެ ބިލުން ހާސިލް ކުރަން ބޭނުންވާ މަގުސަދު ހާސިމް ނުވާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ރިޒާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުފާކުރަން މިހާ ޒަމާން ކޮށްފައި މި ބިލް މަޖިލީހުގެ ތަޅުމަށް އައުމުން. އެހެން ނަމަވެސް މިހާރު ކޮމެޓީން ބިލް ދިރާސާ ކޮށް ތަޅުމަށް ފޮނުވާފައިވާ ގޮތަށް ބިލް ފާސް ކުރާކަށް އަޅުގަނޑުމެން ތާއިދެއް ނުކުރަން. އެހެން ކަމުން ބިލް އަލުން އަނބުރާ ކޮމެޓީ އަށް ފޮނުވަން އަޅުގަނޑު ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ރައްކާތެރި ކަމުގެ ބިލް ކޮމެޓީން ފޮނުވި ގޮތަށް ފާސް ކުރުމަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އެ ބިލަކީ މިހާރުން މިހާރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ބިލެއް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ދެމުން ގެންދާ ތަފާތު އެކި އިނާޔަތްތައް ދެމުން ގެންދަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫން ކަމަށާއި އެހެން ކަމުން ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދެމުން ގެންދާ އިނާޔަތްތައް ގާނޫނެއްގެ ތެރެއަށް ފެއްތުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޕޯޓުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ މެންބަރު އަލީ އާރިފް ވިދާޅުވީ އިޖުތިމާއީ ރައްކާތެރި ކަމުގެ ބިލުގެ ވާހަކަ ދެއްކުމުގެ ކުރިން ދައުލަތުން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ތަކާއި ހަރަދު ކުރާ ފައިސާ އަށް ވާނުވާ ބަލަން ޖެހޭ ކަމަށެވެ. އަދި މިހާރު ސަރުކާރުން ރައްޔިތުންނަށް ދެނުންގެންދާ އިނާޔަތްތައް ނުވަތަ ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން އޮތީ އެންމެ ރަނގަޅަށްތޯ ވެސް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ އެމްޑީޕީގެ މެންބަރުންނާއި އަދި ކުރީގެ ރައީސް ނަޝީދު ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ ވާހަކަ ވާހަކައާއި ތަފާތު އެކި އިނާޔަތްތައް ދިނުމުގެ ވާހަކަ ދެއްކޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓް ފާސް ކުރުމަށް ވެސް އެމްޑީޕީ މެންބަރުން ވޯޓް ދެއްވާފައި ނުވާތީ ކަމަށެވެ.