ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ފަހުމީ ހަސަންގެ ބަދަލުގައި އެ ކޮމިޝަނަށް މެމްބަރަކު ކަމަށް ކުރިމަތިލެއްވި އެއްވެސް ބޭފުޅަކަށް ކޮމެޓީން ކަނޑައެޅި މިންވަރަށް މާކްސް ނުލިބުމުން، މަޖިލީހުގެ ތަޅުމުން ވަކި ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފި އެވެ.

ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ސަބް ކޮމެޓީން އިންޓަވިއުކުރެއްވި އެއްވެސް ބޭފުޅަކަށް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައި ނުވާ ކަމަށާއި ކޮމެޓީން ކަނޑައަޅާފައިވާ މިންވަރަށް އެއްވެސް ބޭފުޅަކަށް މާކްސް ލިބިވަޑައިގެންފައި ނުވާތީ ވަކި ބޭފުޅަކު ސީއެސްސީގެ މެންބަރު ކަމަށް ހޮވުމަށް ކޮމެޓީން ތަޅުމަށް ހުށަހަޅާނެ ނަމެއް ނެތް ކަމަށެވެ.

މިނިިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރިޕޯޓުގައި އެދިފައި ވަނީ ތަޅުމުން ފެނިވަޑައިގަންނަވާ ގޮތަކަށް ގޮތެއް ނިންމަވައި ދެއްވުމަށެވެ.

ސީއެސްސީއަށް މެންބަރުކަމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ތެރެއިން ސީއެސްސީގެ ގާނޫނުގައި ބުނާ ސިފަތައް ފުރިހަމަވާ ކަމަށް ކޮމެޓީން ކަނޑައެޅީ ތިން ބޭފުޅުންނެވެ. އެއީ މ. އުނިމާގެ ފާތިމަތު ރީނީ އައްބުއްސައްތާރާއި މ. ރަބީއީގެ އަހުމަދު އަދީމް އާއި ހުޅުމާލެ ފުލެޓް ޒަކަރިއްޔާ ހުސައިންއެވެ. ސީއެސްސީގެ ގާނޫނުގައި ބުނާ ސިފަތައް ފުރިހަމަ ނުވާތީ އިންޓަވިއު ނުކުރާ ތިން ބޭފުޅުންނަކީ ގ. މާވަސް އިބްރާހިމް ޝަބާއު އާއި މާލޭ ދަފްތަރު އަޒްލީމާ އަހުމަދާއި ހއ. ކެލާ ފީރޯޒްގެ ފަތުހުﷲ އިސްމާއިލެވެ.

އިންޓަވިއުއަށް ހާޒިރުކުރި ތިން ބޭފުޅުންގެ ތެރެއިން ފާތިމަތު ރީނީ އައްބުއްސައްތާރަށް ލިބިވަޑައިގެންނެވީ 66.65 ޕަސެންޓް މާކްސް އެވެ. އަދި އަހުމަދު އަދީމަށް 62.25 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވިއިރު، ޒަކަރިއްޔާ ހުސައިންއަށް ލިބިވަޑައިގެންނެވީ 66.75 ޕަސެންޓް މާކްސް އެވެ.

ކޮމެޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުމުން މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދުނެވެ. ބައެއް މެންބަރުން ވިދާޅުވީ ފަހުމީގެ ސީސީއެސްސީގެ ގޮނޑި ހުސްވެފައިވާ ކަން ކަށަވަރު ނުވާހިނދު، އޭނާގެ ގޮނޑިއަށް މެންބަރަކު އައްޔަންކޮށްގެން ނުވާނެ ކަމަށެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ސީއެއްސީގައި ފަހުމީ ހުންނެވި ގޮނޑި ހުސްވެފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރައްވާފައިވާ ކަމަށެވެ.