ވޮޝިންޓަން (އޮގަސްޓް 5): އީރާނާ މުޢާމަލާތް ކުރުމުގައި ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަނގުރާމައިގެ ބިރުދެއްކުމުގެ ހަރުކަށި އުސޫލުތަކުން މަންފާ ނުކުރާނެ ކަމަށާ އޭގެ ބަދަލުގައި ސުލްޙައާއި މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް އެމެރިކާއަށާއި ޔޫރަޕަށްއީރާނުގެ އައުރައީސް ޑރ. ޙަސަން ފަރީދޫން ރޫޙާނީ ގޮވާލެއްވުމުން އެމެރިކާ އެކަމަށް ރައްދު ދީފި އެވެ.

ރޫޙާނީގެ ވާހަކަތަކަށް ރައްދު ދެމުން އެމެރިކާގެ ރިޔާސީ މަރުކަޒު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޫޙާނީގެ ސަރުކާރުން އީރާނުގެ ނިއުކްލިޔާ މައްސަލާގައި ދޫދީ ހެޔޮނިޔަތެއް ގެންގުޅޭ ނަމަ އީރާނުގެ ބައިވެރިއެއްގެ ގޮތުގައި އެމެރިކާ ފެނިގެންދާނެ ކަމުގަ އެވެ. އަދި ރޫޙާނީގެ ވެރިކަމުގައި އީރާނާ ވާހަކަ ދެއްކުމަށް އުސޫލެއްގެ ގޮތުން އެމެރިކާ ތައްޔާރަށް އޮތް ކަމަށް ވެސް ވައިޓް ހައުސް އިން ބުނެފައިވެ އެވެ.

އީރާނުގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު އެގައުމުގެ ޕާލަމެންޓް ކަމަށްވާ ޝޫރާ މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ރޫޙާނީ ވަނީ އީރާނަކީ މަތިވެރި އުންމަތެއް ކަމަށާ ހަނގުރާމައިގެ ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް އީރާނުގެ އުންމަތް ނުގުޑާނެ ކަމުގެ މެސެޖް އެމެރިކާއަށާއި ހުޅަނގުގެ ގައުމުތަކަށް ދެއްވާފަ އެވެ.

އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދުގައިވާ ދުޝްމަންކަމުގެ އަސްލަކީ އިޤްތިސާދީ ގޮތުންނާއި ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ބޭރަށް ބަރޯސާނުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އީރާން ކުރަމުން ގެންދާ ބުރަ މަސައްކަތާއި ފަލަސްތީނުގެ ހައްޤުތަކަށް ވަކާލާތު ކުރުން ކަމަށް އިޝާރާތް ކުރައްވަމުން ރޫޙާނީ ވަނީ ދުޝްމަންކަން ކުޑަކުރުމަށްޓަކައި ބިރުދެއްކުމުގެ ބަދަލުގައި ވާހަކަ ދެއްކުމަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަށް ގޮވާލައްވާފަ އެވެ.

އަދި ބޭރުގެ ގައުމުތައް ފަހަތުގައި ތިބެ ބާރުގެ ބޭނުންކޮށްގެން ގައުމުތަކުގެ ވެރިކަމުގެ ނިޒާމްތައް ވައްޓާލައި ސަރަހައްދީ އިންތައް ހުރަސްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދެކޮޅު ހެދުމުގައި ފަހަތަށްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ރޫޙާނީ ވިދާޅުވެފައިވެ އެވެ. އީރާނަށް އިސްލާޙީ ބަދަލުތައް ގެނަސް ބޭރު ދުނިޔެއަށް އީރާން އިތުރަށް ހުޅުވާލައި ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރައްވާނެ ކަމަށާ ނަމަވެސް މިކަމަށްޓަކައި އީރާނުގެ ގައުމީ މަސްލަޙަތު ޤުރްބާން ނުކުރައްވާނެ ކަމަށްވެސް ޑރ. ޙަސަން ރޫޙާނީ ވިދާޅުވެފައިވެ އެވެ.

އީރާނުގެ އައު ރައީސް ޙަސަން ރޫޙާނީގެ ޚިތާބަށް ރައްދުދެއްވަމުން ޖަރުމަނުގެ ޚާރިޖީ ވަޒީރު ގީޑޯ ވިސްޓާރވެލީ ވިދާޅުވީ ރޫޙާނީގެ ޒަޢާމަތުގައި އީރާނާ ވާހަކަ ދެއްކުމަށް އޭނާގެ ގައުމުން ތައްޔާރަށް އޮތްކަމަށާ ޖަރުމަނުން ބަލާނީ އީރާނުގެ ވާހަކަތަކަށްވުރެ އީރާނުގެ ޢަމަލަށް ކަމުގަ އެވެ.

އީރާނުގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމުގެ ތަންކޮޅެއްކުރިން ދެއްވި ބަޔާނެއްގައި، ޑރ. ރޫޙާނީ ވަނީ އިސްރާއީލަކީ އިސްލާމީ އުންމަތުގައި އުފެދިފައިވާ ޒަޚަމެއް ކަމަށް ސިފަކުރައްވައި މިޒަޚަމް އިން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް އިސްލާމީ އުންމަތަށް ގޮވާލައްވާފަ އެވެ. ޑރ. ރޫޙާނީ މިބަޔާނާ އެކު ހުޅަނގުގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވީ ނަމަވެސް މަޤާމުން ވަކިވެވަޑައިގެންނެވި އީރާނުގެ ކުރީގެ ރައީސް އަޙްމަދީ ނެޖާދަށްވުރެ އެމެރިކާއާއި ޔޫރަޕުން ރޫޙާނީއަށް އިތުބާރު ކުރާނެ ކަމަށް މުރާސިލުން ދެކެއެވެ.

އީރާނަށް އިސްލާޙީ ބަދަލުތައް ގެނައުމަށް ތާއީދުކުރައްވާ ޙަސަން ރޫޙާނީ އެކުލަވާލައްވާ އެގައުމުގެ އައު ސަރުކާރުގެ ކެބިނެޓްގެ ގިނަ ވުޒާރާތަކުގެ ވަޒީރުކަމަށް އޭނާ އިޚްތިޔާރު ކުރައްވަމުން ގެންދަވަނީ އިސްލާޙީ ސިޔާސަތުތަކެއް ގެންގުޅުއްވި އީރާނުގެ ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ޚާތަމީ އާއި ޢަލީ އަކްބަރު ހާޝިމީ ރަފްސަންޖާނީގެ ދުވަސްވަރު އިސްމަޤާމްތައް ފުރުއްވާފައިވާ އަދި އިސްލާޙީ ފިކުރަށް ތާއީދުކުރައްވާ ބޭފުޅުން ކަމަށް ޚަބަރު ލިބެ އެވެ. މިގޮތުން އީރާނުގެ ޚާރިޖީ ވަޒީރުކަމަށް އިޚްތިޔާރު ކުރައްވާފައި ވަނީ އދ.ގައި ކުރިން ހުންނެވި އީރާނުގެ މަންދޫބު ޑރ. މުހައްމަދު ޖަވާދު ޟަރީފް ކަމަށް އީރާނުގެ މީޑިޔާ ބުނެ އެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް ޑރ. ޢަލީ ލާރިޖާނީ ވަނީ ރޫޙާނީ އެކުލަވާލައްވާ އީރާނުގެ އައު ސަރުކާރަށް ރުހުން ދިނުމުގެ މަޝްވަރާތައް އަންނަ ހަފްތާގައި ކެބިނެޓްގައި ފެށޭނެކަން އިޢްލާން ކުރައްވާފަ އެވެ. އީރާނުގައި އެކުލަވާލާ ކޮންމެ ސަރުކާރަށް ވެސް ޝަރްޢިއްޔަތު ލިބޭނީ ޕާލަމެންޓްގެ އަޣްލަބިއްޔަތުން އެސަރުކާރަކަށް ރުހުން ދިނުމުން ކަމަށް އީރާނުގެ ދަސްތޫރު ބުނެ އެވެ. (ނޫސްއެޖެންސީތައް)