ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ސާފު ފައިދާ މިދިޔަ އަހަރު 27 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

އޮޑިޓާ ޖެނެރަލް މިއަދު އާއްމުކުރެއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން 663.6 މިލިއަން ރުފިޔާ ވިޔަފާރިކޮށްފައިވެ އެވެ. އަދި ވިއްކި މުދަލަށް 589.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މަސް ކުންފުނީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން 706 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. އަދި އާއްމުންނަށް 49 މިލިއަން ރުފިޔާގެ މަސް ވިއްކާފައިވެ އެވެ. އަދި 17 މިލިއަން ރުފިޔާގެ ހިކި މަސް ވިއްކާފައިވާ އިރު 9.6 މިލިއަން ރުފިޔާގެ އައިސް މަސްވެރިންނަށް ވިއްކާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2011 ވަނަ އަހަރުގެ އެ ކުންފުންޏަށް 51.4 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނު ނަމަވެސް މިދިޔަ އަހަރު ލިބިފައި ވަނީ 37.3 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 27 ޕަސެންޓް ދަށް އަދަދެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 53.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައިވާ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ސަރުކާރަށް 20 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ދައްކާފައި ވަނީ ދިހަ މިލިއަން ރުފިޔާ އެވެ.