05 Aug 2013, 13:50
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީއޭސީ) އަށް ކޮމާޝަލް ޓީވީ ޗެނަލްތައް ތަމްސީލުކުރުމަށް ތިން މެންބަރުން އިންތިހާބްކޮށްފި އެވެ.
އެ ކޮމިޓީ އަށް ހޮވިވަޑައިގެންފައިވާ ބޭފުޅުންނަކީ އަށް ވޯޓް ލިބިވަޑައިގެންނެވި އެމްވީޓީވީގެ ލީގަލް ކައުންސިލް، އުމަރު އަބްދުﷲ އާއި ދެ ވަނަ އަށް ހަ ވޯޓު ލިބުނު ދެ ފަރާތް ކަމަށްވާ ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް، ނިއުސް، އިމާދު ހަސަން ލަތީފް އާއި ޗެނަލް އެމްގެ ސީއީއޯ ތޮއްޔިބު މުހައްމަދު އެވެ.
ބްރޯޑްކާސްޓިން ކޯމިޝަނުން ބުނީ އެ ކޮމިޓީގައި ކޮމާޝަލް ބްރޯޑްކާސްޓަރުން ތަމްސީލްކުރުމަށް ފަސް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮމާޝަލް ޓީވީ ޗެނަލްތަކުން އިންތިހާބުކުރާ ތިން މެމްބަރުންގެ އިތުރުން ކޮމާޝަލް ރޭޑިއޯތަކުން އިންތިހާބް ކުރާ ދެ މެމްބަރުން އެކޮމިޓީގައި ތިއްބަވާނެ އެވެ.
އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާ އިސްލާހުކުރުމުގައި ކޮމިޝަނަށް ލަފާ ދިނުމާއި ބްރޯޑްކާސްޓިން ސިނާއަތު ތަރައްގީކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ކޮމިޝަނަށް ލަފާދިނުމާއި ބްރޯޑްކާސްޓް ސިނާއަތަށް ދިމާވާ މައްސަލަތައް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމެވެ.
އެ ކޮމިޓީއަށް ހޮވުނު ފަރާތްތަކާ ބައްދަލުކުރައްވައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އެ ކޮމިޓީއަށް ކޮމާޝަލް ރޭޑިއޯ ތަމްސީލުކުރަމަށް ދެ ފަރާތެއް އިންތިހާބު ކުރުމުން އެ ކޮމިޓީ އެކުލަވާލާ ނިމެނޭ ކަމަށާއި ހޮވުނު ފަރާތްތަކުގެ އެހީތެރިކަމާއި ލަފާޔާ އެކު ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.