05 Aug 2013, 13:47
ގދ. ތިނަދުގައި އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން ރިޔާސީ އިންތިޚާބު ނިމެންދެން ހައްޔަރުކޮށްފައި ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހުންނަށް އަންގަވާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔުމަކީ ބަޔަކު ހަދާފައިވާ އެއްޗެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު ވިދާޅުވީ އެ ލިޔުމަކީ ލީކްކޮށްލާފައިވާ ލިޔުމެއްކަމަށް ބަޔަކު އަޑުފެތުރި ނަމަވެސް އެއީ ސިޔާސީ މަގުސަދެއްގައި ބަޔަކު ހަދާފައިވާ ސައްޚަ ނޫން ލިޔުމެއް ކަމަށެވެ.
"ތިޔަ ލިޔުން ބަލާލީމާ ވެސް އެނގޭ ސިޔާސީ ބޭނުމެއްގައި ކަން. ސިޔާސީ ނޫން އެހެން ކޮން ބޭނުމެއްތޯ އޮންނާނީ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެއްވެސް މީހަކު ހައްޔަރު ކުރުމަށް ރައީސް ވަހީދު ފުލުހުންނަށް އަންގާފައިނުވާ ކަމަށާއި ގާނޫނު ބުނާގޮތުން މީހަކު ހައްޔަރުކުރާތާ 24 ގަޑި އިރު ހަމަވުމުގެ ކުރިން އެމީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.
ފުލުހުން އަމަލު ކުރަނީ ގާނޫނުގައި ކަނޑައެޅިފައިވާ އެ އުސޫލުގެމަތިން ކަމަށާއި ތިނަދޫން ހައްޔަރު ކުރި މީހުން ވެސް 24 ގަޑިއިރަށް ވުރެ އިތުރަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބައިތިއްބަނީ އެރަށު ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާތީ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުހުންނަކީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރަމުންދާ ބަޔަކަށްވާ އިރު އެފަދަ މައްސަލަތައް ފުލުހުން ތަހުގީގު ކުރަނީ ލިބިފައި ހުންނަ ހެއްކާއި ގަރީނާތަކުގެ މައްޗަށް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ޖިނާއީ ކުށެއް ކުރަނީ ސިޔާސީ މީހެއް ކަމަށް ވިޔަސް އަދި އެނޫން މީހެއް ކަމަށް ވީނަމަވެސް ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އުސޫލުން އެފަދަ މައްސަލައެއް ތަހުގީގު ކުރާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގު ކުރަނީ ޖިނާއީ މައްސަލަތައް. ޖިނާއީ ކުށެއް ކުރަނީ ސިޔާސީ މީހެއް ވިޔަސް ސިއްހަތާ ބެހޭ މީހެއް ވިޔަސް އަދި އެހެންތަނެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވިޔަސް ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އުސޫލުން އެ މައްސަލަ ތަހުގީގު ކުރާނީ. ލިބިފައި ހުރި އެވިޑެންސްގެ މައްޗަށް ބިނާކޮށް ފަނޑިޔަރުން މުއްދަތު ދެއްވުމާ ނުދެއްވުމުގެ މައްޗަށް އަމުރުތައް ނެރުއްވަނީ،" ރިޔާޒު ވިދާޅުވި އެވެ.
ރައީސް ވަހީދު ތިނަދޫ އަށް ވަޑައިގެންނެވި ދަތުރުފުޅާ ގުޅިގެން ތިނަދޫން މީހުން ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނާއެކު އެރަށް ވަޑައިގެންނެވި ބައެއް ބޭފުޅުނާއި މެދު މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރިން އެންމެންގެ ބަންދުގެ މުއްދަތު އެތަކެއް ފަހަރު ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.