އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް (އައިސީސީ) 2013ގެ ސެމީ ފައިނަލްގައި ރޭ އޭސީ މިލާން 2-0 އިން ބަލިކޮށް ޗެލްސީ އެމުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ ނިއުޖާޒީގެ އީސްޓް ރަދަފޯޑްގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައިދިނީ، މެޗުގެ 29 ވަނަ މިނިޓުގައި އެ ކްލަބްގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރުއާއިން އެވެ. އަދި ދެވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގައި ކާމިޔާބުށްދިނީ އެ ކްލަބާ އަލަށް ގުޅުނު ޖަރުމަން ފޯވަޑް އަންދްރޭ ޝޫލާ އެވެ.

މުބާރާތުގެ ފައިނަލްގައި ޗެލްސީ ވާދަކުރަން ޖެހޭނީ، އެ ކްލަބްގެ ކޯޗު ހޯސޭ މޮރީނިއޯގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑާއެވެ. މެޑްރިޑް ފައިނަލުން ޖާގަ ހޯދީ، ސެމީ ފައިނަލްގައި އެވަޓަން އަތުން 2-1ން މޮޅުވެގެންނެވެ.

ޕްރިސީޒަނާ ދިމާކޮށް އެމެރިކާއަށް ދަތުރު ކުރާ ލީގުތަކުގެ ވަރުގަދަ ޓީމުތައް ހިމަނައިގެން ބާއްވާ އެކުވެރި ކަމުގެ އެ މުބާރާތުގައި އެމެރިކާގެ އެއް ޓީމާއި، ބޭރުން ޒިޔާރަތް ކުރާ ހަތްޓީމާއެކު ޖުމްލަ އަށް ޓީމް ވާދަކުރާ މުބާރާތް ކުރިއަށް ގެންދަނީ، އެމެރިކާގެ ލޮސްއެންޖަލްސް، ސެންފްރެންސިސްކޯ، ފީނިކްސް، ނިއުޔޯކު، އިންޑިއަނާޕޮލިސް އަދި މިއާމީގަ އެވެ.

ޖުލައި މަހުގެ 27 ން އޯގަސްޓް މަހުގެ 7ގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެރި ވެފައިވަނީ، އެމެރިކާގެ އެލްއޭ ގެލެކްސީއާއި، އިޓަލީގެ އޭސީ މިލާން، އިންޓަ މިލާން، ޔުވެންޓާސް، ސްޕެއިންގެ ރެއާލް މެޑްރިޑް، ވެލެންސިޔާ، އިންގްލެންޑުގެ ޗެލްސީ އަދި އެވެޓަން އެވެ.

މިދިޔަ ޖޫންމަހު ޗެލްސީއާ ގުޅުނު ރެއާލްގެ ކުރީގެ ކޯޗު މޮރީނިއޯވަނީ، ފައިނަލްގައި ރެއާލްއާ ކުޅެން ޖެހުމުން އެކާމާ ވަރަސް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ބުނެފަ އެވެ.

"އަހަރެން ދެކޭގޮތުގައި އެއީ އަހަރުމެންނަށް އެންމެ ރަނގަޅުގޮތް. ސަބަބަކީ އަހަރެމެން ބޭނުންވަނީ، މޮޅެތި ޓީމުތަކާ ކުޅެން،" މޮރީނިއޯ ބުންޏެވެ.

މިއާމީގެ ސަން ލައިފް ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގައި އަންނަ ބުދަ ދުވަހު ޗެލްސީއާ ރެއާލް ވާދަކުރާއިރު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިލާނާ ވާދަކުރާނީ އެލްއޭ ގެލެކްސީ އެވެ.

މުބާރާތުގެ ފަސްވަނަ ހޮވާ މެޗުގައި މާދަމާ އެވަޓަންއާ ވެލެންސިޔާ ވާދަކުރާއިރު، ހަތްވަނަ ހޮވާ މެޗުގައި ޔުވެންޓާސްއާ ދެކޮޅަށް ނުކުންނާނީ އިންޓަމިލާން އެވެ.