ތ. ވިލުފުށީ މަގު ހެދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު ވަހީދު އިފްތިތާޙު ކޮށްދެއްވައިފި އެވެ.

ވިލުފުށީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވަމުން ރައީސް ވަހީދު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން ކުރަމުންދާ މަސައްކަތެއް ކަމުގައި ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި 66 ކިލޯ މީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހެދިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދު މެންދުރު ފަހު ދ. ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ވެސް ރައީސް އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މިއަދު ސަން އަށް ވިދާޅުވީ ވިލުފުށީގައި މިއަދު ފެށި އެ މަޝްރޫރުގެ ދަށުން އެ ރަށުގެ ޖުމްލަ 4.22 ކިލޯ މޯޓަރުގެ މަގު ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެރަށުގައި ހެދުމަށް ހަމަޖެހިފައި ވަނީ ނުވަ މަގު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދެ ރަށުގެ ކޮންޓްރެކްސްގައިވާ ގޮތުން 12 މަސް ދުވަހުގެ ތެރޭގައި އެ މަސްރޫއު ނިންމާލަން ޖެހޭ، ނަމަވެސް އައަށްވުރެ ވެސް އަވަހަށް އެ މަސަައްކަތްތައް ނިންމާލެވޭތޯ އަޅުގަނޑުމެން ބަލާނަން، މަގުގެ މެދުގައި ތާރު އަޅައިގެން ދެ ފަރާތުގެ ޕޭމަންޓް މަތީގައި ގާ އަތުރައިގެން މަގުތައް މިހަދަނީ، ފުރަތަމަ މިފެށީ މަގުތަކުގައި ހޮޅިއާއި ނަރު އެޅުމުގެ މަސައްކަތް،" ނަޒީމް ވިދާޅުވި އެވެ.

ކުޑަހުދަދޫގައި 6.3 ކިލޯމީޓަރުގެ 13 މަގު ހެދުމަށް ހަމަޖައްސާފައިވާ އިރު އެމަގުތައް ހެދުމަށް ޖުމްލަ 76 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.