05 Aug 2013, 13:15
ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް)ގެ މައްސަލައެއް ބަލަމުންދާތީ ޕްރައިވެޓައިޒޭޝަން ބޯޑުގެ ހުއްދަ ނެތި އެއްވެސް ކެޕިޓަލް ހަރަދެއް އަދި މުވައްޒަފުން ވަކިކޮށް މަގާމަށް އައްޔަން ނުކުރަން އަންގައިފި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދަށް އެޑްރެސްކޮށް ޕްރައިވެޓޭޝަން ބޯޑުން އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ "ތިޔަ ކުންފުނީގެ މައްސަލައެއް މިބޯޑުން ރިވިއުކުރުމުގެ މަސައްކަތް ކުރިޔަށްދާތީ މިބޯޑުގެ ހުއްދަ ނުހޯއްދަވައި ތިޔަ ކުންފުނީގެ އެއްވެސް ކެޕިޓަލް ހަރަދެއް ނުކުރެއްވުމަށާއި ތިޔަ ކުންފުނީގެ އެއްވެސް މުވައްޒަފެއް މަގާމުން ވަކި ނުކުރެއްވުމަށާއި އަދި އެއްވެސް މުވައްޒަފެއް އަލަށް މަގާމަށް އައްޔަންނުކުރެއްވުމަށް ދެންނެވީމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ. "ވީމާ، މިވާހަކަ ދަންނަވައި ތިޔަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި މެނޭޖްމަންޓުން މިގޮތުން މަތިން އަމަލުކުރުމަށް ދަންނަވަމެވެ."
ޓީސީއެލްއަށް އެ ސިޓީ ފޮނުވާފައިވާ ކަމަށް އެ ބޯޑުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ދައުލަތުގެ ވިޔަފާރިތަކާ ގުޅޭ ޒިންމާތަކާއި ބާރުތައް ހަވާލުކޮށްފައި ވަނީ އެ ބޯޑާ އެވެ.
އެ ކުންފުނީގެ ޗެއާމަން މިއަދު ވިދާޅުވީ ޕްރައިވެޓައިޒޭޝަން ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ފޮނުވި ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިލްހާމް އިދުރީސްއާ ގުޅޭ މައްސަލައެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީއާ ގުޅޭ މައްސަލައެއް ކަމަށް އެނގިފައި ވަނީ. އަދި އެކަމާ ގުޅޭ ގޮތުން އަޅުގަނޑު އެ ބޯޑަށް ހާޒިރެއް ނުކުރޭ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީއާ ގުޅޭ މައްސަލައެއް ޕްރައިވެޓައިޒޭޝަން ބޯޑުން ބަލަމުންދިޔަ ނަމަވެސް އޭނާ ވަޒީފާ އަށް ނުކުންނަވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހު ތަސްދީގުކުރި ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވެޓައިޒޭޝަން ބޯޑުގެ މަސައްކަތްތަކުގެ ތެރޭގައި ވިޔަފާރީގައި ވާދަވެރި މާހައުލެއް އުފެއްދުމާއި ވަކި ބައެއްގެ ބާރުގެ ދަށަށް ސިނާއަތްތައް ދިއުން ހުއްޓުވުމާއި މިނިވަން ވިޔަފާރީގެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެ އެވެ. އަދި ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުގެ ފަރާތުން މީހުން އައްޔަންކުރުމުގެ ބާރާއި ޕްރައިވެޓައިޒޭޝަންގެ ދަށުން މީގެ ކުރިން ހިންގާފައިވާ މަޝްރޫއުތަކާ ގުޅޭ ކަންކަން ތަހުގީގުކުރުމުގެ ބާރު ވެސް އެ ބޯޑަށް ލިބިދެ އެވެ.