މިމާޗް މަހު ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސުގައި ބައިވެރިވުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ)ގެ މެންބަރު ޤައުމުތަކަށް ބާރުއަޅުއްވާނެ ކަމުގައި ޖީ.ސީ.ސީ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުން ބުނީ ޑޮކްޓަރ މުޙަންމަދު ބިން ޢުބައިދު އަލް މަޒްރޯއި މިކަން ހާމަކުރެއްވީ، ނައިބު ރައީސް ޑޮކްޓަރ މުހަންމަދު ވަހީދާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. ރިޔާޒުގައި ހުންނަ ޖީސީސީގެ ހެޑް ކުއާޓަރުގައި އޮތް މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް އެހީދޭ ފަރާތްތަކުގެ ޖަލްސާ، ޑޯނަރ ކޮންފަރެންސާ ބެހޭ މަޢުލޫމާތާއި، ރާއްޖެއަށް އެހީ އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކާ ބެހޭ މަޢުލޫމާތު ޑޮކްޓަރ މުހަންމަދު ބިން އުބައިދު އަލް މަޒްރޯއިއަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ޑޮކްޓަރ މުޙަންމަދު ބިން ޢުބައިދު އަލް މަޒްރޯއި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވޭ މިޖަލްސާގައި ބައިވެރިވުމަށް މެންބަރު ޤައުމުތަކަށް ބާރުއެޅުމުގެ އިތުރުން، ސީދާ ޖީ.ސީ.ސީ.އިން ވެސް މިޖަލްސާގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި، މި ޖަލްސާއަކީ ކާމިޔާބު ޖަލްސާއަކަށް ހެދުމަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި އެ މަނިކުފާނު ވެސް ވިދާޅުވި އެވެ.