05 Aug 2013, 13:07
ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި މީހުން ބިނާ ކުރުމުގައި ތަފާތު ކުރިއެރުންތައް ހޯދާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ސީއެމްއޯ އޭޝިއާ އިންދޭ އެވޯޑެއް ރާއްޖޭގެ ސައިރިކްސް ކޮލެޖަށް ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ސިންގަޕޫރްގެ ޕޭން ޕެސިފިކް ހޮޓަލުގައި ބޭއްވި އެ އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖޭގެ ސައިރިކްސް ކޮލަޖަށް ލިބިފައި ވަނީ އޭޝިއާގެ ބެސްޓް ބީ- ސްކޫލް އެވޯޑްގެ ތެރެއިން "އެޑިއުކޭޝަން ލީޑާޝިޕް އެވޯޑް" އެވެ. އެ އެވޯޑް ވަނީ އޭޝިއާގެ 36 ފަރާތަކަށް ދީފަ އެވެ.
އޭޝިއާގެ ވަރަށް ގިނަ ގައުމުގެތަކުގެ ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ އިސްވެރިންނާއި ޕޮރެފަސަރުން ބައިވެރިވި އެ އެވޯޑް ހަފްލާގައި ސައިރިކްސް ކޮލެޖުން އެވޯޑާއި ހަވާލުވެވަޑައިގަތީ އެ ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފެވެ. އަދި އެ ހަފްލާގައި ސައިރިކްސް ކޮލެޖްގެ ޑީން އިބްރާހިމް ވަހީދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
އޭޝިއާ ބެސްޓް ބީ-ސްކޫލް އެވޯޑަކީ ވޯލްޑް އެޑިއުކޭޝަން ކޮންގްރެސް އާއި ސީއެމްއޯ އޭޝިއާ އާއި ސީއެމްއޯ ކައުންސިލް އަދި ސްޓާސް އޮފް ދަ އިންޑަސްޓްރީ ގްރޫޕުން ގުޅިގެން އޭޝިއާގެ ތައުލީމީ ދާއިރާ އަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ބައިނަލް އަގްވާމީ އެވޯޑެކެވެ.
ތައުލީމާއި ތަމްރީން ދިނުމުގައި ފާއިތުވި 20 އަހަރު ދުވަހު ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައިވާ ސައިރިކްސް ކޮލެޖަށް ވަނީ 2002 ވަނަ އަހަރު ދިވެހި ދައުލަތުންދޭ އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިފަ އެވެ.