ދަރަވަންދު އަށް ދަތުރުކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި އިން މާބަނޑު އަންހެނަކު "ހާސްވެގެން" އެ ފްލައިޓް އަނބުރާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ޖައްސައިފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 12 ޖަހާ އެހާކަންހާ އިރު ދަރަވަންދު އަށް ދިއުމަށް ނައްޓާލި ފްލައިޓް އަނބުރާ އައިސް ހުޅުލޭ އެއާޕޯޓްގައި ޖައްސާފައި ވަނީ އެ ފްލައިޓްގައި އެވަގުތު އިން މާބަނޑު އަންހެނަކު "ހާސްވެގެން" އުޅުމުގެ ސަބަބުން ކަމަށެވެ.

"އެއީ މާބަނޑު އަންހެނަކަށް ވުމުން ކެޕްޓަން އެވަގުތު ނިންމީ އަނބުރާ ހުޅުލޭގައި ޖެއްސުމޭ ރަނގަޅީ، އެއަންހެން މީހާ މިހާރު ވަނީ ހުޅުލޭ އެއާޕޯޓަށް ބާލާފައި،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި އަދި އެ ފްލައިޓުން އެމީހާ ބޭލުމަށް ފަހު އަނބުރާ ދަރަވަންދު އަށް ދިއުމަށް މިހާރު ނައްޓާލާފައިވާ ކަމަށެވެ.

ނަޝާތު ވިދާޅުވީ އެދަތުރު ލަސްވުމާ އެކު މޯލްޑިވިއަންގެ މިއަދުގެ ފްލައިޓްތައް 30 މިނެޓްގެ ލަސްވުމެއް އަންނާނެ ކަމަށެވެ.