05 Aug 2013, 12:34
އާސެނަލްގެ އައިވަރީކޯސްޓް ފޯވަޑް ޖަވީނިއޯއާއި މޮރޮކޯ ފޯވަޑް މަރުއާނޭ ޗަމަކް އެ ކްލަބް ދޫކޮށް އެހެން ދިމާއަކަށް ދިއުމަށް ތައްޔާރުވަމުންދާކަމަށް އާސެނަލްއިން ބުނެފި އެވެ.
އާސެނަލްގެ ވެބަސައިޓުގައި އެ ކްލަބްގެ ކޯޗު އާސީން ވެންގާ ބުނެފައިވަނީ، ދެކުޅުންތެރިން ދޫކޮށްލަން ކްލަބުން ނިންމާފައިވާ ކަމަށާއި، އަދި މިހާރު ޓްރާންފާގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ.
"ޖަވީނިއޯ އެދަނީ، ރޯމާއަށް ބަދަލުވުމުގެ މަސައްކަތްކުރަމުން އަދި ޗަމަކް ކްރިސްޓަލް ޕެލަސް އަށް،" ވެންގާ ބުންޏެވެ.
ޖަވީނިއޯ އާސެނަލްއާ ގުޅުނީ ފްރާންސްގެ ލިލްއިން 2011 ވަނަ އަހަރު 11 މިލިއަން ޕައުންޑުގެ ފީއަކަށެވެ. ރިޕޯޓްތައް ބުނާގޮތުން 6.9 މިލިއަން ޕައުންޑުގެ ފީއަކަށް 26 އަހަރުގެ ޖަވީނިއޯ އިޓަލީގެ އޭއެސް ރޯމާއަށް ބަދަލުވުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފަ އެވެ.
މިދިޔަ ސީޒަންގައި ވެސްޓްހަމް އަށް ލޯނު އުސޫލުން ދޫކޮށްފައިހުރި 29 އަހަރުގެ ޗަމަކް އާސެނަލްއާ ގުޅުނީ، ބޯޑޯއިން 2010 ވަނަ އަހަރު އެވެ. ވެސްޓްހަމްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އާސެނަލްގެ ސްކޮޑަށް އޭނާ ނަގާފަދަ ކުޅުމެއް ދެއްކިފައި ނުވާތީ އެ ކްލަބުން މިހާރު ދަނީ، ޕްރިމިއާލީގަށް އަލަށް ޕްރޮމޯޓްވި ކްރިސްޓަލް ޕެލަސްއަށް ޗަމަކް ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.
ޖަވީނިއޯ އާސެނަލްއަށް ކުޅުނު 63 މެޗުގައި އެ ކްލަބަށް 11 ލަނޑު ކާމިޔާބު ކޮށްދީފައިވެ އެވެ. އަދި ޗަމަކް އެ ކުލަބަށް ކުޅުނު 67 މެޗުގައި 14 ލަނޑު ކާމިޔާބު ކޮށްފައިވާ އިރު އޭގެ ތެރެއިން 11 ލަނޑު ކާމިޔާބުކުރީ ފުރަތަމަ ސީޒަންގަ އެވެ.
އާސެނަލްއިން ކުޅުންތެރިން ދޫކުރަމުންދާއިރު ކުރިއަށް އޮތް ސީޒަނަށް ކްލަބް ވަރުގަދަ ކުރުމަށް މިހާތަނަށް ގެނެސްފައި ވަނީ، އެންމެ ކުޅުންތެރިއެކެވެ. އެއީ، ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ 20 އަހަރުގެ ފޯވަޑް ޔާޔާ ސަނޯގޯ އެވެ.
އެ ކްލަބުން މިސީޒަންގައި ހޯދުމަށް އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާ ލިވަޕޫލްގެ ފޯވަޑް ލުއިސް ސުއަރޭޒް ހޯދުމަށް ފުރަމަ ކުރި ބިޑަށް ލިވަޕޫލުން ނޫނެކޭ ބުނުމުން އާސެނަލްއިން ވަނީ، 40 މިލިއަށް އެއް ޕައުންޑުގެ ބިޑެއް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް ދެވަނަ ފަހަރަށްވެސް ލިވަޕޫލުން ބުނީ އެ ކްލަބްގެ އުރުގުއޭ ފޯވަޑް ވިއްކާލަން ބޭނުން ނޫން ކަމަށެވެ.