05 Aug 2013, 12:29
މި އަހަރުގެ އިންތިހާބުގައި އެއްވެސް ވަރެއްގެ ކާމީޔާބީއަކާ ހަމަޔަކަށް "އަޅުގަނޑުމެންނަށް" ނުދެވޭނެ ކަމަށާއި "އަޅުގަނޑުމެން" ވިސްނަންވީ 2018 އަށް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވާ އޯޑިއޯއަކީ ފޭކް އޯޑިއޯއެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
"ޔޫޓިއުބް"ގައި އާންމުކޮށްފައިވާ އެ އޯޑިއޯގައި ޔާމީން ވިދާޅުވަނީ "ދޭހާސް ތޭރައަކީ އެ ބޭފުޅުންގެ ދަބަހުގެ ތެރޭގައި މިހާރު ވެސް އޮތް އެއްޗެއް. އެބޭފުޅުންނަށް ލިބިފައި އޮތް އެއްޗެއް،" ކަމަށެވެ.
އެ އޯޑިއޯގައި "އެބޭފުޅުން" ނިސްބަތް ކުރައްވަނީ ކޮން ޕާޓީއަކަށް ކަމެއް ނޭނގެ އެވެ.
މި އަހަރުގެ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ނުވާނެތީ ވިސްނަންވީ 2018 އަށް ކަމަށް އެ އޯޑިއޯގައި ޔާމީން ވިދާޅުވެފައިވެ އެވެ.
"ދެން އެހެންވީމާ އަޅުގަނޑުމެންނަށް ނެތް ކަންނޭނގޭ 2013ގެ އިންތިހާބުގައި އެއްވެސް ވަރެއްގެ ކާމިޔާބީއާ ހަމަޔަށް ދެވޭނެ ކަމުގެ. އަޅުގަނޑުމެން 2018އަށް ކަންނޭނގޭ ވިސްނަންވީ،"
އާންމުވެގެން އުޅޭ އޯޑިއޯއާ ގުޅޭ ގޮތުން ސަން އިން ކުރި ސުވާލެއްގެ ޖަވާބުގައި ޔާމިން ފޮނުވި އެސްއެމްއެސްގައި ވިދާޅުވެފައި ވަނީ "އެއީ މުޅިން ފޭކް އޯޑިއޯ"އެއް ކަމަށެވެ.
ޔާމިންގެ ތަރުޖަމާން އިބްރާހިމް މުއާޒު ވެސް މިއަދު ވިދާޅުވީ އެ އޯޑިއޯއަކީ އެކި ދުވަސްވަރު މަތިން ޔާމިން ޕްރެސްކޮންފަރެންސްތަކުގައި ދައްކާފައިވާ އޯޑިއޯތައް ކަނޑައިނަގައިގެން ހަދާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަަމަށެވެ.
"އެއީ އެއްވެސް އަސްލެއް ހުރި އޯޑިއޯއެއް ނޫން. އަބްދުﷲ ޔާމީންގެ ސިޔާސީ އެކި ކަންކަމުގައި ދައްކާފައިވާ ވާހަކަތަކާއި ޕްރެސްކޮންފަރެންތަކުގައި ދައްކާފައިވާ ވާހަކަތައް ކަނޑަލައި ނަގައިގެން ގުޅުވައިގެން ހަދާފައިވާ އޯޑިއޯއަކަށްވުން ވެސް އެކަށީގެންވޭ އެ އޯޑިއޯ،" މުއާޒު ވިދާޅުވި އެވެ.