05 Aug 2013, 11:56
ބާސެލޯނާގެ ސްޕެނިޝް މިޑްފީލްޑަރު ސެސް ފެބްރިގާސް ހޯދުމަށް މެންޗެސްޓަ ޔުނައިޓެޑުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލައިފި ކަމަށް ބާސާއިން ބުނެފައި ވަނިކޮށް، ޔުނައިޓެޑުން ތިންވަނަ ފަހަރަށް ބިޑް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާގެ ސްޕޯޓްސް ޑައިރެކްޓަރު އެންޑޯނީ ޒުބިރެޓާއާ ހަވާލާދީ ސްޕެއިންގެ ނޫހެއްގައި އިއްޔެ ބުނެފައި ވަނީ، ޔުނައިޓެޑުން ފެބްރިގާސް ގެންދަން ކުރަމުން ގެންދާ މަސައްކަތް އެ ކުލަބުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުގެ މަސްދަރުތަކާ ހަވާލާދީ ބީބީސީ ސްޕޯޓްސްއިން ބުނެފައިވަނީ، 26 އަހަރުގެ، އާސެނަލްގެ ކުރީގެ ކެޕްޓަން ހޯދުމަށް ޔުނައިޓެޑުން ތިންވަނަ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑުން ފެބްރިގާސް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. އެކަމަކު އަހަރެމެން އޭނާ ވިއްކަން ބޭނުން ނޫންކަން ވެސް އެ މީހުންނަށް އެނގޭނެ،" ޒުބިރެޓާ ބުންޏެވެ. "އަހަރެމެން ބޭނުމެއް ނުވޭ އެ ކުޅުންތެރިޔާ ވިއްކާލާކަށް. އަދި ޔުނައިޓެޑުން އެ މަސައްކަތް ހުއްޓާލައިފި."
މެންޗެސްޓާ ޔުނައިޓެޑުން ފެބްރިގާސް ހޯދުމަށް މިހާރު ދެ ފަހަރު ވަނީ ބިޑް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ފަހަރު، 25 މިލިއަން އަދި ދެވަނަ ފަހަރު 30 މިލިއަން ޕައުންޑު ހުށަހެޅުމުން ވެސް ބާސާއިން ވަނީ، ފެބްރިގާސް ދޫ ނުކުރާނެ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑުން 30.75 މިލިއަން ޕައުންޑަށްވުރެ މަތީ ފީއެއް ހުށަހަޅައިފި ނަމަ އެ ވެގެންދާނީ، ކްލަބް ރެކޯޑް ފީ އަކަށެވެ.
ބާސާގެ ކޯޗު ޖެރާޑޯ މާޓިނޯ ކުރިން ބުނެފައިވަނީ، ބާސާގައި މަޑުކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ ފެބްރިގާސް އަމިއްލައަށް ކަމަށާއި ކުލަބުން އޭނާ ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ.
އާސެނަލްގެ ކޯޗް އާސީން ވެންގާ ބުނީ އޭނާ ދެކޭ ގޮތުގައި، ފެބްރިގާސް އަދި އެއް އަހަރު ބާސެލޯނާގައި މަޑު ކުރާނެ އެވެ.
"އަހަރެންނަށް އެނގިފައިވާ ގޮތުގައި ފެބްރިގާސް އަދި މަދުވެގެން އެއް އަހަރު ބާސާގައި މަޑު ކުރާނެ،" ވެންގާ ބުންޏެވެ. "އެއީ އަހަންނަށް ލިބިފައިވާ މައުލޫމާތަކީ. އެހެން ގޮތަކަށް އެކަން ނިމިއްޖެ ނަމަ ދެން ނޭނގެ."