ލަންޑަން (އޮގަސްޓް 5): ޢިރާޤާއި ޕާކިސްތާނާ އަދި ލީބިޔާގެ ބައެއް ޖަލުތަކުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ފިލާފައިވުމުގެ ސަބަބުން ބައިނަލްއަޤްވާމީ އަމްނާއި ސުލްޙައަށް ނުރައްކާވެފައިވާ ކަމުގެ އިންޒާރު ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ "އިންޓަރޕޯލް" އިން ދީފި އެވެ.

އިންޓަރޕޯލްގެ ބައިނަލްއަޤްވާމީ ކޮމާންޑުން ބުނީ ދާދިފަހުން ޢިރާޤުގެ އަބޫޣުރައިބު ޖަލުންނާއި އައްތާޖީ ޖަލުން ފިލާފައިވާ 500 އަށް ވުރެ ގިނަ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ އަލްޤާއިދާއަށް ނިސްބަތްވާ ނުރައްކާތެރި ހަނގުރާމަވެރިންކަމަށާ މީގެތެރޭގައި އަލްޤާޢިދާގެ އެންމެ ނުރައްކާތެރި ކޮމާންޑަރުން ވެސް ހިމެނޭކަމުގަ އެވެ. މި 500 ހަނގުރާމަވެރިންގެ އިތުރުން ޢިރާޤާއި ޕާކިސްތާނާ އަދި ލީބިޔާގެ ބައެއް ޖަލުތަކުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ފިލާފައިވުމުގެ ސަބަބުން ފާއިތުވި ފަސްވަރަކަށް އަހަރު ތެރޭގައި ވެސް ބައިނަލްއަޤްވާމީ އަމްނާއި ސުލްޙައަށް ނުރައްކާ ކުރިމަތިވެފައިނުވާ މިންވަރަށް މިހާރުޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އިންޓަޕޯލްގެ ކޮމާންޑުން އިއްޔެ ނެރުނު އިންޒާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިރާޤުގައި ޙަރަކާތްތެރިވާ އަލްޤާޢިދާގެ މައި ގޮފިކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާޤްއެންޑް ޝާމް" އިން މިދިޔަ ހަފްތާގައި ވަނީ އަބޫޣުރައިބު ޖަލާއި އައްތާޖީ ޖަލަށް އެޖަމާއަތުގެ ހަނގުރާމަވެރިން ކާމިޔާބު ޙަމަލާތަކެއްދީ 500 އަށްވުރެ ގިނަ ހަނގުރާމަވެރިން އެދެ ޖަލުން މިނިވަންކޮށްފައިވާކަން އިޢްލާންކޮށްފަ އެވެ.

ޢިރާޤުގެ ޖަލުތަކުން ފިލި އަލްޤާޢިދާގެ ގިނަ ހަނގުރާމަވެރިންގެ މިސްރާބު ހުރީ ސޫރިޔާއާ ދިމާއަށް ކަމަށް ޚަބަރުތައް ބުނާއިރު މިބައިމީހުން ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިންނާ ބައިވެރިވަމުންދާ ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ.

ލީބިޔާއާއި ޕާކިސްތާނަކީ ވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން އަމާންކަމާއި ހަމަޖެހުން ގެއްލިފައިވާ އިސްލާމީ ދެގައުމެކެވެ. ޢިރާޤުގައި އަލްޤާޢިދާގެ ހަނގުރާމަވެރިން ފައިހަރުކޮށްލާފައި ވަނީ އެމެރިކާ އެގައުމަށް އަރައި އިސްތިޢްމާރު ކުރިދުވަސްވަރުގަ އެވެ. ލީބިޔާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ޝިކާރައަކަށްވެފައި ވަނީ ހުޅަނގުގެ މަދަދާއެކު ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ކުރި ހަނގުރާމައަށްފަހުގަ އެވެ. ޕާކިސްތާނުގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ގަދަވެފައި ވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ހިންގާ ޖާސޫސީ ޙަރަކާތްތަކުގެ ދެކުނު އޭޝިޔާގެ ހަބަކަށް ޕާކިސްތާން ވެގެން ދިޔުމަށްފަހުގަ އެވެ.

އަލްޤާޢިދާގެ ގިނަ ލީޑަރުންނަކީ އަފްޣާނިސްތާނަށް ރަޝިޔާ އަރައި އޮތް ދުވަސްވަރު އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ)ގެ ބެލުމުގެ ދަށުން ތަމްރީންވެގެން ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރި ބައެކެވެ. އަލްޤާއިދާ އިން ދޭކަމަށްބުނާ ބޮންގޮއްވުމާއި އަމިއްލައަށް މަރުވުމުގެ ޙަމަލާތަކުގެ ޝިކާރައަކަށްވެފައި ވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކަށް ވުރެ ބޮޑަށް އިސްލާމީ ޤައުމުތަކެވެ.

ޢިރާޤުގައި އެމެރިކާ ސިފައިން މަރާލާފައިވާ އެތަށް ލައްކަ މީހުންނަށް ވުރެ ގިނަ މީހުން އަލްޤާޢިދާ އިން ދޭކަމަށްބުނާ ޙަމަލާތަކުގައި މަރުވެ ފަނާވަމުން ދެ އެވެ. އަދި މިޖަމާއަތުގެ ޙަމަލާތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުގެ ބަދަލުގައި އިސްލާމީ ގައުމުތައް ހަލާކުވަމުންދާތީ އެމެރިކާއާއި އަލްޤާއިދާގެ ސިއްރު ގުޅުންތަކާ މެދު ހަނގުރާމަވެރި ޖަމާއަތްތަކާ ބެހޭ ދިރާސާތައް ކުރައްވާ މުޙައްލިލުން ސުވާލު އުފައްދަވަ އެވެ.

އިންޓަރޕޯލްގެ ކޮމާންޑްގެ މިއިންޒާރާ ގުޅިގެން އެމެރިކާވަނީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެގައުމުގެ އެންބަސީތަކާއި ކޮންސިއުލޭޓްތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގެ ތެރެއިން 21 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާކަން އިޢްލާންކޮށްފަ އެވެ. (ނޫސްއެޖެންސީތައް)