05 Aug 2013, 11:36
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޕީޓާ ހޯޓަން އިސްތިއުފާ ދެެއްވައިފި އެވެ.
ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ބޭންކުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސީއީއޯ ކަމާ ހަވާލުވެވަޑައިގެންނެވި ޕީޓާ ބީއެމްއެލްގެ ވަޒީފާ ދޫކޮށްލައްވަން ނިންމެވީ ބޭރުގެ އެހެން ބޭންކަކުން "ވަރަށް ރަނގަޅު އޮފައެއް" ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ.
"ޕީޓާ އަށް ތިން ބޭންކަކުން އޮފާ ލިބިފައިވޭ. ނަމަވެސް މިފަހަރު އެންމެ ރަނގަޅު އޮފައެއް ލިބުނީމަ ނިންމީ ފުރާވަޑައިގަންނަވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާކްލޭސް ބޭންކުގައި ވެސް ކުރިން މަސައްކަތްކުރެއްވި ޕީޓާ އާއި ބީއެމްއެލްއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.
ސީއީއޯއާ ހަވާލާދީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި ބޭންކުގެ ޓީމުން ހޯދި ކާމިޔާބާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
"އަޅުގަނޑު ބޭންކާ ވަކިވެގެން މިދަނީ ބޭންކުގެ ގާބިލް ލީޑާޝިޕް ޓީމުން މިހާރަށްވުރެ ވެސް ކާމިޔާބު ކުންފުންޏަކަށް ބީއެމްއެލް ހަދާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކު. މާލީ ގޮތުން ކުންފުނި ހޯދިކުރިއެރުމާއި ކަސްޓަމަރުންނަށް ދެވޭ ހިދުމަތަށް ގެނެވުނު ބަދަލުތަކާއި ކުންފުނީގެ އިންފްރާސްޓަރަކްޗާ ރަނގަޅުކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ވެސް ބޭންކުގެ ލީޑަޝިޕް ޓީމުގެ މަސައްކަތް. އަދި މި ޓީމުން މިކަންކަން އިތުރަށް ފުރިހަމަކުރާނެ ކަމާމެދު ޝައްކެތްނެތް،" ސީއީއޯ ވިދާޅުވެފައިވެ އެވެ.
ބޭންކުން ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު ފައިދާއިން 50 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ނިންމައިފަ އެވެ. މިއީ 2008 ވަނަ އަހަރަށް ފަހު އެ ބޭންކުން ހިއްސާގެ ފައިދާ ބަހާ ފުރަތަމަ ފަހަރެވެ. އަދި އެ ކުރިއެރުމާ ގުޅިގެން މުވައްޒަފުންނަށް ބޯނަސްދޭން ވެސް ނިންމާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ ބޭންކުގެ ގެ ސާފު ފައިދާ ގެ ގޮތުގައި 527 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު ސާފު ފައިދާ 74 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ހިންގުމުގެ ފައިދާވަނީ 457 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ޖުމްލަ އިންޓަރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2012 ގެ ފުރަތަމަ ހަ މަސްދުވަހު ލިބުނު 247 މިލިއަން ރުފިޔާއިން 275 މިލއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިއްސާދާރުންގެ ފައިސާ ވަނީ 119 ޕަސެންޓް އިތުރުވެފަ އެވެ.
އެ ބޭންކުގެ ޖުމްލަ އެސްޓް ވަނީ 9.8 ބިލިއަން ރުފިޔާއިން 12.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.