05 Aug 2013, 11:27
ގދ. ތިނަދޫގައި ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީ ވެހިކަލުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތިނަދޫގައި ހުރި ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީ ވެހިކަލުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ދަންވަރު 3:00 އެހާކަންހާއިރު ތިނަދޫ ފަނޑިޔާރުމަގުގައި ވެހިކަލް ޕާކްކޮށްފައި އޮއްވައި ކަމަށެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ތިނަދޫ ބްލޫނިޔާގޭ ޒުލާލް އަހްމަދު، 19، އާއި އެ ރަށު ސަންފްލާވާ މުހައްމަދު އާމިލް، 21، އާއި އުރަހަ މުހައްމަދު ނަދީމް، 25، އާއި ހަމަ އެގޭ އިބްރާހީމް ޝަގަވަތު ރަޝީދު،18، އާއި މިލާނޯ އިބްރާހީމް އަދީބު މުހައްމަދު،22، އާއި އިލާ މޫހަތު މުހައްމަދު، 19، އާއި މިނިވަންއައްސޭރި އަހްމަދު ހާޝިމްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު 10 ދުވަހަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި ހައްޔަރު ކުރި ބައެއް މީހުންނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސްޓޭޝަނާއި ތިނަދޫ ކޯޓުގެ އިތުރުން ގދ. އަތޮޅު ކައުންސިލް އިދާރާގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންނެވެ.